ވިޖޭގެ ފިލްމު ''ލިއޯ'' ނެޓްފްލިކްސްއަށް

ތަމަޅަ އެކްޓަރު ވިޖޭ ތަލަޕަތީއާއި ސަންޖޭ ދަތުގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނަ ފިލްމު "ލިއޯ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.

ވިޖޭ ލީޑު ރޯލުން ފެންނަ މި ފިލްމުގައި ސަންޖޭ ދަތު ފެންނާނީ ނުބައިބައި ރޯލުންނެވެ. ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ "ލިއޯ" ސިނަމާގައި އަޅުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. ވިޖޭ އާއި ސަންޖޭގެ އިތުރުން ތަމަޅަ ސިނަމާގެ ފުންނާބު އުސް ގިނަ ތަރިންތަކެއް މި ފިލްމުން ފެނެއެވެ. އޭގެ ތެރޭގައި ސައުތު ބަތަލާ ތުރިޝާ ވެސް ހިމެނެއެވެ.

ވިޖޭގެ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދިފައިވާއިރު އެކްޓަރު ވަނީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންއާ އެކު ފިލްމެއް ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. މި ފިލްމަކީ ކާމިޔާބު ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީގެ ދެވަނަ ބޮލީވުޑް ފިލްމެވެ.

ވިޖޭއަކީ ތަމަޅަ ސިނަމާގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރަށްވާއިރު އޭނާގެ ފިލްމުތައް ބަލައި އޯޑިއަންސަށް ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސް ވެސް ވަނީ އިތުރުވެފައެވެ. ވިޖޭގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ތަލައިވާ"، "މާސަލް"، "ސަރްކާރު"، "ބިގިލް" އަދި "ވަރިސޫ" ފަދަ ފިލްމުތައް ހިމެނެއެވެ. ވިޖޭގެ ކެރިއަރުގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ތަލަޕަތީ"ގެ ދެވަނަ ބައިގެ މަސައްކަތް ވެސް އެކްޓަރު ވަނީ ފަށާފައެވެ.

ވިޖޭ "ލިއޯ"ގެ މަންޒަރެއްގައި
ހެއްވާ މަޖާ ރޯލުތަކުން ފެށިގެން ލޯބީގެ އަދި އެކްޝަން ފިލްމުތައް ކުޅެފައިވާ ސަންޖޭ ދަތު ފިލްމު "ލިއޯ"އިން ފެނިގެން ދިއުމަކީ ވެސް ވަރަށް ގިނަ ބަޔަކު މި ފިލްމަށް ޝައުގުވެރިވި އެއް ސަބަބެވެ.

ބޮލީވުޑް ފިލްމުތަކުގައި ވެސް ނުބައިބައި ރޯލު ކުޅެފައިވާ ސަންޖޭއަށް ސައުތު ސިނަމާގެ ސަމާލުކަން ބޮޑަށް ލިބެން ފެށީ ފިލްމު "ކޭޖީއެފް"ގެ ދެވަނަ ބައިގައި ސަންޖޭ ކުޅުނު ރޯލަށް ފަހުއެވެ. ސަންޖޭ މިހާރު ވެސް އަންނަނީ އިތުރު ތިން ތަމަޅަ ފިލްމެއްގައި ސޮއިކުރަމުންނެވެ. މި ފިލްމުތައް ރިލީޒްކުރުމަށް ނިންމާފައި ވަނީ ފެށޭ އަހަރުއެވެ.

comment ކޮމެންޓް