ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތު އިތުރުކުރަން އެއްބަސްވެއްޖެ: ގަތަރު

ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން، ޣައްޒާގެ ދެކުނަށް ދިޔުން -- ފޮޓޯ/؛ ރޮއިޓާސް

އިސްރާއީލާއިން ހަމާސްއިން ބަދަލުކުރަމުންދާ ހަމަލާތައް އިތުރު ދެ ދުވަހަށް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ގަތަރުން ބުނެފިއެވެ.

އަލްޖަޒީރާގައިވާ ގޮތުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަން ގަތަރުގެ ފޮރިން މިނިސްޓްރީގެ އިތުރުން ހަމާސްއިން ވެސް އިއުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުން ދެމިއޮންނާނީ ކުރިން ވެސް ކަނޑައަޅާފައިވާ ޝަރުތުތަކަށް އަމަލުކުރާ ގޮތަށް ކަމަށް ހަމާސްއިން ބުނެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

އެ އެއްބަސްވުމުގެ މުއްދަތު ދަންމާލަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ވެސް ބުނި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލުން މިހާތަނަށް ވަކި އެއްޗެކޭ ބުނެފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ކުރިން އިސްރާއީލުން ވަނީ، ޣައްޒާގައި ހިފަހައްޓާގައި ތިބި އިސްރާއީލްގެ ރައްޔިތުން ދޫކުރަން ހަމާސްއިން އެއްބަސްވެއްޖެ ނަމަ، ހަމަލާތައް މެދުކަނޑާލާފައި އޮންނަ ދުވަސްތައް އިތުރު ކުރާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުން މިދިޔަ މަހުގެ ހަތެެއްގައި ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން، ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހަށެވެ. ނަމަވެސް މި މުއްދަތުގައި ވެސް ޣައްޒާއަށް ހަމަލާ ދީފައިވާ ކަމަށް އެ ސަރަހައްދުން ގިނަ ބަޔަކު ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ހިންގާ ލާއިންސާނީ އަމަލުތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފައެވެ.

ހަމަލާތައް ހުއްޓާލަން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްއިން މިހާތަނަށް 41 މީހަކު ދޫކޮށްފައިވާއިރު އިސްރާއީލުން ވަނީ ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 78 މީހަކު ދޫކޮށްލާފައެވެ.

މިދިޔަ މަހުގެ ހަތެއްގެ ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން 14,854 މީހަކު ޝަހީދުކޮށްލައި، ހުޅަނގު އައްސޭރިން 239 މީހަކު ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

comment ކޮމެންޓް