ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ރާއްޖެއަށް ތިން މެޑަލް

އައިއޯއައިޖީ 2023ގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ނަބާ އާއި ނަބީ -- ފޮޓޯ/ މުހައްމަދު ޝާބިން، އެމްއޯސީ

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ޓީމުން ރިހި މެޑަލްއަކާއި ދެ ލޯ މެޑަލް ހޯދައިފިއެވެ.

އިއްޔެގެ ނިޔަލަށް ބޮޓްސްވާނާގައި ބޭއްވި އެ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާއިންނެވެ. އެއީ، އަންހެން ޑަބަލްސް އިވެންޓުގައި ވާދަކޮށްގެންނެވެ.

އިއްޔެ ކުޅުނު ޑަބަލްސް އިވެންޓުގެ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ނުކުތީ އެއްވަނައަށް ސީޑުކޮށްފައިވާ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޑެއިޑްރޭ ލޯރެންސްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖޭގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ.

ރާއްޖެއިން ދެ ލޯ މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ ޑަބަލްސް އިވެންޓުންނެވެ. އެ އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ ޒަޔާން ޒަކީ އާއި ނަޝްފާން މުހައްމަދުގެ ޕެއާ އަދި ނިބާލް އަހުމަދާއި މުހައްމަދު އަޖުފާންގެ ޕެއާއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށް، ޒަޔާން އާއި ނަޝްފާންގެ ޕެއާ ބަލިވީ ދެވަނައަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ލޫކަސް ޑޫސް އާއި ކެމްޓީޝް ރާއިގެ ޕެއާ އަތުންނެވެ. އެ މެޗުގެ ދެ ސެޓު ވެސް ގެންދިޔައީ މޮރިޝަސްގެ ޕެއާ އިންނެވެ.

ނިބާލް އާއި އަޖުފާންގެ ޕެއާ ވެސް ބަލިވީ ސެމީ ފައިނަލުންނެވެ. ސެމީގައި އެ ދެ ކުޅުންތެރިން ނުކުތީ އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދި މެލޭޝިއާގެ ޗޮކް ކެން ވެއި އާއި އެންޑީ ޔޫގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.

comment ކޮމެންޓް