އަންހެނަކަށް މެސެޖުކުރި މެޖިސްޓްރޭޓް ކޮމިޓީއަށް ހާޒިރުނުވުމުން ފަހު ފުރުސަތު ދީފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ---

ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން މިއަދު ހާޒިރުވުމަށް އެންގުމުން ނައުމުން، އެންމެ ފަހު ފުރުސަތު ދީ މިއަދުގެ ކޮމިޓީ ނިންމައިލައިފިއެވެ.

އެ މައްސަލައިގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ ކޯޓު މެޖިސްޓްރޭޓެއްގެ މަގާމަށް ބަދަލުކުރަން ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މީގެ ހަފުތާއެއް ކުރިންނެވެ.

އަލީ އާދަމް މަގާމު ދަށްކުރީ، މީގެ ކުރިން ވެސް މެޖިސްޓްރޭޓާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީ ބެލުމަށް ފަހު އޭނާގެ މައްޗަށް އެ ކަން ސާބިތުވެފައިވާތީ، އޭނާ މަގާމުން ވަކި ކުރަން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.

އެހެންވެ އެ މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ވަނީ އޭނާ ޖަވާބުދާރީކުރުވުމަށް މިއަދު ކޮމިޓީ ބައްދަލުވުމެއް ބާއްވައި ހާޒިރުވާން އަންގައިފައެވެ.

މިއަދަށް ކޮމިޓީ ތާވަލުކުރީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ތައްޔާރުވެ ވަކީލަކާއެކު ހާޒިރުވެވޭނީ މިއަދުކަމަށް މީގެ ކުރިން އަލީ އާދަމް ވިދާޅުވުމުންނެވެ. ނަމަވެސް މިއަދު އޭނާއަށް އެ ފުރުސަތު ދިނުމުން ވެސް ހާޒިރުވެފައެއް ނުވެއެވެ.

https://sun.mv/183719

"އެހެންވީމާ ވަޑައިގެންފައެއް ނެތް. އޭރު އަޅުގަނޑުމެން އެންގީ ތިން ދުވަހުގެ ތެރޭ ވަޑައިގަންނަވާށޭ. އެހެނަސް ވިދާޅުވީ މައްސަލަ އިތުރަށް ދިރާސާކޮށް ތިމަންނައަށް ވަކީލަކާއެކު ހާޒިރު ވެވޭނެ ދުވަހަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހޭ،" ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވިއެވެ.

ޝަރީފް ވަނީ މިއަދު ވެސް އަލީ އާދަމް އެ ކަމުގައި އުޒުރުވެރިވެ، އަދި އިތުރު ދެ ދުވަސް ދިނުމަށް ކޮމިޓީގައި އެދިލައްވައިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 29ވަނަ ދުވަހަކީ އޭނާއަށް ދެން ކޮމިޓީން ދޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައެވެ.

އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާ ވަނީ އެ މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.

މިކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.

comment ކޮމެންޓް