ޔުނައިޓް މަލަންމަގު ބަލިކޮށް ކިންގްސް ޔުނައިޓެޑް ފައިނަލާ ގާތަށް

ދަރަވަންދޫ ފުޓްސަލް --

ޔުނައިޓް މަލަންމަގު ބަލިކޮށް ފައިނަލާ ގާތަށް ކިންގްސް ޔުނައިޓެޑް ޖެހިލިއިރު ފެލްކަން ޔުނައިޓެޑް އަލްބަޓްރޯސް ޖޫނިއާޒް ކޮޅަށް 19 ލަނޑު ޖަހައިފިއެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ކިންގްސް ޔުނައިޓެޑުން ވަނީ ލީގު ބުރުގެ އެއްވަނައަށް އަރައިފައެވެ.

ޔުނައިޓް މަލަންމަގާ ބައްދަލުކުރި މި މެޗު ކިންގްސް ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ތިން ލަނޑު ކިންގްސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ހަސަން ނާސިކް (ނާއްކޮ)އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ)އާއި އަޝްއަމް އަހުމަދު (އައްޓި)ގެ އިތުރުން ސާމިޙް އަލީ ޝަރީފް (ސާމިއްޓޭ)އެވެ.

ޔުނައިޓް މަލަންމަގުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ކެޕްޓަން ނަސީޙް އަހްމަދެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ކިންގްސް ޔުނައިޓެޑް ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ އެންމެ ކުރިއަށް ޖެހިލައިފަައެވެ.

ދަރަވަންދޫ ފުޓްސަލް --

މުބާރާތުގެ ލީގު ބުރުގައި މާދަމާ ރޭ ނިއު ސްޕީޑް އާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ކިންގްސް ޔުނައިޓެޑްއަށް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްބަޓްރޯސް ޖޫނިއާޒާއި ފެލްކަން ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ފެލްކަންއިން 19 ލަނޑު ޖެހިއިރު މުހައްމަދު ސިމާން (ޝިމަޅޭ)ވަނީ 11 ލަނޑު ޖަހައިފައެވެ. މިމެޗު ނިމުނީ 19-9ގެ ނަތީއަކުންނެވެ.

ޝިމަޅޭގެ އިތުރުން ފެލްކަންގެ ލަނޑުތައް ޖަހައިދިނީ އީމާން އިލްޔާސް (އީންޓޭ)އާއި ސުޖާއު ހުސެއިނާއި ރާފިއު މުހައްމަދު ޝަފީގް (ރާއްޕެ)ގެ އިތުރުން އަހުމަދު އިމްތިނާޙް (ދަގަނޑޭ)އާއި ހުސެއިން ނާސިފް(ނާފް)އެވެ.

މިމެޗުގައި ޝިމަޅޭ ކާމިޔާބުކުރި 11 ލަނޑާއެކު އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. ޝިމަޅޭ ވަނީ ޖުމްލަ 15 ލަނޑު ހަމަކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި ނުވަ ލަނޑާއެކު އުޅެނީ ކިންގްސް ޔުނައިޓެޑްގެ ސާމިއްޓޭއެވެ.

މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅެވިގެންދާނީ މިރޭއެވެ.

ހަ ޓީމު ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ.

ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބޭނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ކުޅެ، ސެމީފައިނަލުން މޮޅުވާ ޓީމަކަށެވެ.

ސެމީފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުދަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭގަނޑު 8:30ގައެވެ.

ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ދަރަވަންދޫ ކައުންސިލުން ބާއްވަމުންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ރަށު ކައުންސިލްގެ ފަރާތުން ވަނީ ދިނުމަށް ނިންމާފައެވެ.

comment ކޮމެންޓް