އޮފީސް ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޕީޕީއެމް

ޕީޕީއެމް އޮފީސް--

ޕީޕީއެމްގެ ހަރަކާތްތައް ހިންގާ މައި ޖަގަހަ ކަމަށްވާ ހ. ހުރަފާގެ ހުސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން މިފަދައިން ބުނީ، އެ ޕާޓީގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ގޭގެ ވެރިފަރާތުން އެންގިނަމަވެސް، އިމާރާތް ހުސްކުރުމަށް އެ ޕާޓީން ދެކޮޅުހަދަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން ދަނިކޮށެވެ.

ޖަގަހަ ހުސްކުރަން ޕާޓީއަށް އަންގާފައި ވަނީ ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ޚިޔާލު ތަފާތުވެ، ޔާމީން ޕާޓީ ދޫކުރެއްވި ފަހުންނެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ގޭގެ ވެރި ފަރާތާ ވާހަކަ ދެކެވިފައިވާ ގޮތަށް އެތަން ހުސްކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން"އަށް ވިދާޅުވީ، އެ އެންގުމާ އެއްގޮތަށް، ޕީޕީއެމްގެ އޮފީސް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޔާމީންގެ އާ ޕާޓީގެ ނަމާއި ލޯގޯ ރޭ އިފުތިތާހުކޮށްފައިވާއިރު، އެ ޕާޓީ ހިންގާނީ ހުރަފާގޭގައިކަން ވެސް ރޭ ވަނީ ހާމަކޮށްފައެވެ. އަދި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ފޯމް ހަމަކުރުމުގެ މަސައްކަތް މިރޭ ވަނީ އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ފަށައިފިއެވެ.

ޔާމީން އުފެއްދެވި ޕީއެންސީން، އެ މަނިކުފާނުގެ ތާއިދާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް އެ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ.

https://sun.mv/185242

އެ ދެބަސްވުންތަކާ ހެދި މިދިޔަ ހަފުތާގައި ޕާޓީން ވަކިވުމަށްފަހު ޔާމީން ވަނީ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ޕީއެންއެފްގެ ނަމުގައި އުފައްދާ އެ ޕާޓީގެ އިސް މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސައި، ޖުމުލަ އަށް ބޭފުޅެއްގެ ނަން މަތީގައި ޕާޓީ ރެޖިސްޓްރީކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް