މިލާންގެ ކަމާޑާ ރިކޯޑެއް މުގުރާލައިފި

އޭސީ މިލާންގެ އިޓަލީ ފޯވަޑް ފްރެންޗެސްކޯ ކަމާޑާ -- ފޮޓޯ/ ގެޓީ

އިޓާލިއަން ސެރީއާގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު، އޭސީ މިލާންގެ އިޓަލީ ފޯވަޑް ފްރެންޗެސްކޯ ކަމާޑާ ހޯދައިފިއެވެ.

ކަމާޑާ އެ ޝަރަފު ހޯދާފައިވަނީ އަމިއްލަ ދަނޑުގައި އިއްޔެ 1-0ގެ ނަތީޖާއަކުން ފިއޮރެންޓީނާ ބަލިކުރި މެޗުގައެވެ. އެ މެޗުގައި މިލާންގެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިއޯ ހެނާންޑޭޒްއެވެ.

އިއްޔެގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިރު، ކަމާޑާގެ އުމުރަކީ 15 އަހަރާއި އަށް މަހާއި 23 ދުވަހެވެ. އޭގެ ކުރިން ސެރީއާގައި އެންމެ ހަގު ކުޅުންތެރިއެއްގެ ގޮތުގައި މެޗެއް ކުޅެގެން އެ ރެކޯޑު ހަދާފައިވަނީ 2021 ވަނަ އަހަރު ބޮލޯނާގެ ވިސްޑަމް އަމޭއެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރާއި ނުވަ މަހާއި އެއް ދުވަހެވެ.

އިޓަލީ ފުޓުބޯޅައިގެ ފަހުގެ ތާރީހެއްގައި "ރަން ކުޅުންތެރިޔާ"އަށް ކަމާޑާ ވުމަކީ އެކަށީގެންވާ ކަމެކެވެ. ކަމާޑާ ޔޫތު ލެވެލްގައި 13 މެޗުން ހަތް ގޯލު ޖަހާފައިވާ އިރު، އެކަޑަމީގައި އޭނާ 400 ގޯލު ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަމާޑާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އަބަދުވެސް އޭނާ އައިޑޮލްއެއްގެ ގޮތުގައި ބަލަނީ ބްރެޒިލް ލެޖެންޑް ރޮނާލްޑޯއެވެ. އަދި އަބަދުވެސް ރޮނާލްޑޯގެ ވީޑިއޯތައް ބަލައި، އުކުޅުތައް ދަސްކުރަމުންދިޔަ ކަމަށް ކަމާޑާ ބުނެފައިވެއެވެ.

comment ކޮމެންޓް