މިނިސްޓަރުގެ ވިސްނުންފުޅަކީ މުއައްސަސާތަކުގެ ތަމުރީނުތައް އެއްކޮށްލުން

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕްރިޒަންސް

މިނިސްޓްރީގެ ދަށުން ހިންގާ ޔުނީފޯމް އެޅި ހުރިހާ މުއައްސަސާއެއްގެ ތަމުރީނުތައް އެއް ތަމުރީނަކަށް ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއައްސަސާއަކުން ތަމުރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށެވެ. އެހެން ކަމުން އެ އިރެއްގައި ދެވެން އޮންނަ އެންމެ މޮޅު ތަމުރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި، ތަމުރީނު ކުރާ އޮފިސަރުންނަކީ ވަކިގޮތަކަށް ބައްޓަން ކުރެވި ގައުމާ ދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމްދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުމަކީ ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ޕްރިޒަންސް

ދަސްވެނިވި ޕްރިޒަން އޮފިސަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރައްވައި ހުވަޔަކީ ގައުމީ ޚިދުމަތަށް ނުކުމެ ކުރައްވާ ބުރަ މަސައްކަތާއި، އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް ކަމަށެވެ. އަދި، ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ގައިގައި ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެއްކަން އިހުސާން ވަނީ ފާހަގަ ކުރައްވައިފައެވެ.

ހުވާ ކުރުމަށް ފަހު، އެ ސިފަތަށް އެ މިހާގެ ގައިން ނެތިގެން ދާތަން ފެންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިހުސާން ވިދާޅުވީ ޗެލެންޖަކީ ކުޑަ ޗެލެންޖެއް ނޫން ކަމަށެވެ. ސަބަބަކީ މި މުއައްސަސާ އަކީ ވަސީލަތްތައް މަދު ނަމަވެސް މަސްއޫލިއްޔަތު ބޮޑު މުއައްސަސާއަކަށް ވާތީކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

comment ކޮމެންޓް