ބ. އަތޮޅުގެ ޑަބްލިޔުޑީސީތައް ގުޅިގެން 'އަލުން ބަލުން' މާކެޓް ބާއްވައިފި

ބ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބ. މާޅޮހުގައި ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި އަލުން ބަލުން ރީސޭލް މާކެޓުގެ ތެރެއިން --

ބ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މާޅޮހުގައި ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން، 'އަލުން ބަލުން'ގެ ނަމުގައި މާކެޓެއް ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހުކުރު ދުވަހު އެ މާކެޓް ބާއްވާފައިވަނީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.

އެ މާކެޓް ބޭއްވީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާ ބާރުވެރި މުޖުތަމައުތަކެއް އުފެއްދުމަށް ރަށު ފެންވަރުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ސޮނެވާ ނަމޫނާ އާއި ބ. މާޅޮހު ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ.

ސޮނެވާ ނަމޫނާއިން ބުނި ގޮތުގައި، އަލުން ބަލުން މާކެޓްގައި ވިއްކުމަށް ޓަކައި، ބ. އަތޮޅުގެ ރަށްތަކާއި ކައިރި ރިޒޯޓުތަކާއި މާލެއިން، ކުރިން ބޭނުންކޮށްފައިވީ ނަމަވެސް އަލުން ބޭނުންކުރެވޭނެ ތަކެތި ވަނީ އެއްކޮށްފައެވެ. މިގޮތުން މާލެއިން އެކަނި ވެސް ފަސް ދުވަހުގެ ތެރޭގައި 400 އަށް ވުރެ ގިނަ އައިޓެމް ލިބުނު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ސޮނެވާ ނަމޫނާއިން ބުނީ، އެ މާކެޓްތަކުގެ އަމާޒަކީ ތިމާވެށި ރައްކާކުރާ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމާ އެކު، ތަކެތި އަލުން ބޭނުންކުރުމުގެ އާދަ ރާއްޖޭގައި އަށަގެންނެވުން ކަމަށެވެ. އެ މާކެޓް މެދުވެރިކޮށް މި ރަށްތަކުގައި ކުރިން ބޭނުންކޮށްފައިވާ ތަކެތި ރަނގަޅު އަގެއްގައި އެހެން ފަރާތްތަކަށް ފޯރުކޮށްދީ، އެ ތަކެތީގެ އުމުރު ދިގުކުރެވި އިސްރާފުކުރުން މަދުކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ހުކުރު ދުވަހު މާޅޮހު ސްކޫލުގައި ބޭއްވި މާކެޓުގައި، އަލުން ބޭނުންކުރެވޭނެ ހެދުން، ފައިވާން، ގަހަނާ، ފޮތް، ކުޅޭ ތަކެތި އަދި ގޭ ތެރޭގައި ބޭނުންކުރާ ސާމާނު ވިއްކި ކަމަށް ސޮނެވާ ނަމޫނާއިން ބުންޏެވެ.

މީގެ އިތުރުން، އާންމުކޮށް އުކާލާފައި ހުންނަ ކުނި އަލުން ބޭނުންކޮށް، އޭގެން ހަދާފައިވާ އެކި އެއްޗެއްސާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ތައްޔާރުކޮށްފައިވާ ކާބޯތަކެތި އެ މާކެޓުގައި ވިއްކާފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ހަމައެއާ އެކު، މާކެޓް ތެރޭގައި ސަގާފީ އަވަށެއް ދައްކާލައި، ފޭސް ޕެއިންޓިން ކުރިއަށް ގެންގޮސް، މާޅޮހުގައި ހުރި ފަތުރުވެރިއެއްގެ ޚާއްސަ ކުޅިވަރު ހަރަކާތެއް ވެސް ދެއްކި ކަމަށް ސޮނެވާ ނަމޫނާއިން ބުންޏެވެ.

އެ މާކެޓްގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އަންހެނުންގެ ހައްގުތައް ހޯދުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމުގައިވާ އަނީސާ އަހްމަދެވެ. އޭނާ ވިދާޅުވީ އަލުން ބަލުން ރީސޭލް މާކެޓް ފަދަ ކަންކަމުގެ ސަބަބުން ރަށްތަކުގެ އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު ހިތްވަރެއް ލިބިދޭ ކަމަށެވެ.

"އަންހެނުންނަށް ބާރުވެރި، ތިމާވެއްޓާ އަހުލުވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކޮށްދިނުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސޮނެވާ ނަމޫނާއިން ކުރަމުންދާ ހީވާގި މަސައްކަތަށް އަޅުގަނޑު ތަޢުރީފުކުރަން،" އަނީސާ ވިދާޅުވިއެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން، މާޅޮސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނުޒުހަތު އަހްމަދު ވިދާޅުވީ، ބައިވެރިވި ރަށްތަކާއި މާލޭގެ އިތުރުން ކައިރި ރިޒޯޓްތައް ކަމުގައިވާ އަމިއްލަފުށި، ދިގުފަރު، ސޮނެވާ ފުށިން ވެސް ގިނަ ޑޮނޭޝަންތަކެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންގެ އަންހެނުންގެ ކޮމިޓީތަކަށް އައު ރޫހެއް ގެނެސްދީފައިވާ އަލުން ބަލުން މާކެޓްގައި މި ރިޒޯޓްތައް ބައިވެރިވީތީ މި ކަމަށް ޝުކުރު ދަންނަވަން. މި މާކެޓްގެ ސަބަބުން ތަކެތީގެ އުމުރު ދިގު ވުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަން ދަނީ އާލާވަމުން،" އޭނާ ވިދާޅުވިއެވެ.

ސޮނެވާ ނަމޫނާގެ ރިޑިއުސް މެނޭޖަރު ހަދީ ހާމިދު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށް ޓަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު މަސައްކަތް ކުރުމަކީ އެ ޖަމިއްޔާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

"މާކެޓް ކާމިޔާބު ކުރުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބ. މާޅޮހު ކައުންސިލުން ކުރި މަސައްކަތައް އަޅުގަނޑުމެން ޝުކުރުވެރިވަން،" އޭނާ ވިދާޅުވިއެވެ.

ބ. އަތޮޅުގައި ފެށިގެން އައި އަލުން ބަލުން މާކެޓްތައް ސޮނެވާ ނަމޫނާގެ އެހީތެރިކަމާ އެކު، ނ. އަތޮޅުގައި ވެސް ވަނީ ތައާރަފުކޮށްފައެވެ. މި މާކެޓްތަކުގައި މި ދެ އަތޮޅުން ބައިވެރިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިހާތަނަށް 30,000 އަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް