މަޝްހޫރު އިންޓަނެޓް ޕާސަނަލަޓީ ޕެރިސް ހިލްޓަންއާއި އޭނާގެ ފިރިމީހާ ކާޓާ ރިއުމަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
ސޯޝަލް މީޑިއާއަށް ޕޯސްޓު ކުރަމުން ޕެރިސް ބުނެފައިވަނީ އޭނާ އާއި އޭނާގެ ފިރިމީހާއަށް އަންހެން ދަރިއަކު ލިބިފައިވާ ކަމަށެވެ. ސަރަގޭޓް މެދުވެރިކޮށް ދެ މީހުންނަށް ލިބިފައިވާ އަންހެން ކުއްޖާއަށް ކިޔާނީ ލަންޑަން ކަމުގައި ޕެރިސް ފާހަގަކުރިއެވެ.
ދެމަފިރިންނަށް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ފިރިހެން ދަރިއެއް ވެސް ލިބިފައެވެ. ފިރިހެން ދަރިފުޅު ފީނިކްސް އަކީ ވެސް ސަރަގެސީ މެދުވެރިކޮށް ހޯދި ދަރިއެކެވެ.
ޕެރިސް ބުނީ މަންމައަކަށް ވުމަކީ އަބަދު ވެސް އޭނާގެ ހުވަފެނެއް ކަމަށާއި ކާޓާއާ ދިމާވުމަކީ އޭނާ ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ޕެރިސް ދަ ޕީޕަލްއަށް ދިން އިންޓަވިއުއެއްގައި ހާމަކުރީ ކާޓާއާ ކައިވެނިކުރުމަށް ފަހު މައިންބަފައިންނަށް ވުމަށް އެދޭތީ، އައިވީއެފްގެ ޕްރޮސެސް ކޯވިޑް-19ގެ ޕެންޑެމިކް ތެރޭގައި ފަށާފައިވާ ކަމަށެވެ.
ޕެރިސް އާއި ކާޓާ ފެބްރުއަރީ 2021 ގައި އެންގޭޖްވީ އަހަރަކަށްވުރެ ގިނަ ދުވަސް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައެވެ. އަދި، ކައިވެނި ކޮށްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު ތިން ދުވަހުގެ ހަފުލާއެއްގައެވެ.
ހިލްޓަން ބްރޭންޑްގެ ވެރިފަރާތް ރިޗަޑް ހިލްޓަންގެ ދެ ދަރިން ތެރެއިން ދޮށީ ދަރި ޕެރިސް ހިލްޓަން އަކީ ގިނަ ކަންތައްތައް ކުރުމުގައި މަޝްހޫރުވެފައިވާ ސެލެބްރިޓީ އެކެވެ. މީގެ ތެރޭގައި މޮޑެލިން، ރިއަލިޓީ ޝޯތަކާއި ފިލްމްގައި އެކްޓްކުރުން، ފޮތް ލިޔުން، ލަވަ ކިއުމާއި ޑީޖޭ ކުރުން ހިމެނެއެވެ.
ކާޓާ ރިއުމް އަކީ ހިލްޓަން އާއިލާގެ ގިނަ ދުވަސްވީ ރަހްމަތްތެރިއެކެވެ. އަދި ވިޔަފާރިވެރިއަކަށްވުމުގެ އިތުރުން ކާޓާއަކީ ފޮތް ލިޔެ އުޅުނު މީހެކެވެ. ކާޓާ ވަނީ ވެންޗާ ކެޕިޓަލިސްޓް ފާމެއް ކަމުގައިވާ އެމް13 ފަށާފަ އެވެ.