ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް

އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އިމާރާތެއް. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރާއި އަންނަ އަހަރުވެސް އިސްރާއީލުގެ އިގްތިސާދަށް 48 ބިލިއަން އެމެރިކާ ޑޮލަރު ގެއްލުން ވެދާނެ ކަމަށް ފައިނޭންޝަލް ކޮންސަލްޓިން ކުންފުންޏަކުން ލަފާކޮށްފިއެވެ.

"ހަނގުރާމައިގެ ޖުމްލަ ހަރަދުގެ ތިންބައިކުޅަ ދެބައި އިސްރާއީލުން އުފުލާނެ ކަމުގެ ފުރުސަތު ބޮޑު، ބާކީ ބައި އެމެރިކާއިން އަސްކަރީ އެހީގެ ގޮތުގައި ކަވަރު ކުރާނެ،" އިސްރާއީލުގެ ލީޑާ ކެޕިޓަލް މާކެޓްސް އިން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް އިސްރާއީލުގެ ގައުމީ އިގްތިސާދީ ކައުންސިލުން ދާދި ފަހުން ކުރި އިއުލާނެއްގައި ބުނެފައިވާގޮތުން ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށް 54 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެއެވެ. 48 ބިލިއަން އެމެރިކާ ޑޮލަރަކީ ކުރީގެ އަންދާޒާއަށްވުރެ ދަށް އަދަދެކެވެ.

އިސްރާއީލުގެ މާލީ ވުޒާރާއިން އޮކްޓޯބަރު މަހު ލަފާކުރި ގޮތުގައި ހަނގުރާމައިގެ އިގްތިސާދީ ޚަރަދަކީ ދުވާލަކު 270 މިލިއަން އެމެރިކާ ޑޮލަރެވެ.

މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރާ ގޮތުގައި ލީޑާ ކެޕިޓަލް މާކެޓްސްގެ އަންދާޒާތަކުގެ މާނައަކީ އިގްތިސާދީ ކުރިއެރުން ހޯދުމަށް ދިއުމަށް އިސްރާއީލު ސަރުކާރަށް އަނެއްކާވެސް ލޯނު ނަގަން ޖެހުމެވެ.

އިސްރާއީލުގެ މާލީ ވުޒާރާގެ ޗީފް އެކައުންޓެންޓް ޔާލީ ރޮޓެންބާގްއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ބުނާ ގޮތުން އިގްތިސާދީ ގޮތުން އިސްރާއީލަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގައުމެކެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށްގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 14000 ށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް