އިންތިޚާބުތަކާ ގުޅޭ ގާނޫނީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަން އެބަހުރި: އެޗްއާރްސީއެމް

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ

އިންތިޚާބުތަކާ ގުޅޭ ގާނޫނީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، އިތުރު އިންތިޚާބެއް ބޭއްވުމުގެ ކުރިން އެކަމާ ގުޅުންހުރި އެންމެހާ އިދާރާތަކާއި ގުޅިގެން އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މިފަދައިން ބުނެފައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން މޮނީޓަރުކުރުމަށްފަހު އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކުރުމަށް ފަހު، ލިބިފައި ހުރި ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށް ފަހުއެވެ.

އެ ކޮމިޝަނުން ބުނީ ގާނޫނީ ބަދަލުތަކަށް ރައްޔިތުން އެންމެ ފުރިހަމައަށް އަހުލުވެރިކުރުމަށާއި، އެ ބަދަލުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭކަމަށެވެ. އެހެންކަމުން އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ ވަގުތު އޮއްވައި، އެ ބަދަލުތައް ގެނައުން މުހިންމު ކަމަށެވެ.

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ/ އަހްމަދު އާޒިފް

އެ ކޮމިޝަނުން، ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމަށް ފާހަގަކޮށްފައިވާ ބައެއް ކަންކަން:

  • އެއްވުންތައް ބޭއްވުމަށް ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުމަކީ ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ އެކިއެކި މިންގަނޑުތަކާއި ތައާރުޒުވާ ކަމެއް ކަމުން އެ ގާނޫނަށް އިސްލާހު ގެނައުން.
  • އިންތިޚާބުތަކާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއައްސަސާތަކުން އެ ފަދަ މައްސަލައެއް ބެލުމުގައި އަދާކުރަންޖެހޭ ދައުރު އިތުރަށް ތަފްސީލުކުރުން.
  • ކެންޑިޑޭޓުން ކެމްޕެއިނަށް ޚަރަދުކުރާ ގޮތާއި އެހެނިހެން މާލީ ކަންކަމާ ގުޅިގެން އެންމެ ފުރިހަމައަށް ޖަވާބުދާރީ ކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން.
  • އިންތިޚާބުގެ ކެމްޕެއިންގައި މީޑިއާތަކަށް ނާޖާއިޒް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ޓަކައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މީޑިއާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ގާނޫނީ އޮނިގަނޑު ހިމެނުން.
  • ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅޭނެ ހާލަތްތައް އިތުރަށް ތަފްސީލުކުރުން.
  • ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން އެހެން މީހެއްގެ އެހީތެރިކަމާއެކު ވޯޓުލުމަށް އިޚްތިޔާރުކުރާ ފަރާތްތަކަށް އެ ފުރުސަތު ލިބިދިނުން ހިމެނުން.
  • ކެމްޕެެއިން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވަން ހަރުދަނާ ގާނޫނީ ގޮތްތަކެއް ހޯދުން.

ސެޕްޓެމްބަރު 9، 2023: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މީގެ އިތުރުން އެޗްއާރްސީއެމުން ވަނީ، ދައުލަތުގެ މީޑިއާއިން ބްރޯޑްކާސްޓުކުރާ ޕްރޮގްރާމްތަކުގައި ސަރުކާރު ހިންގާ ޕާޓީއާއި އެހެން ޕާޓީތަކާ އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ފުރުސަތު ލިބޭކަން ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖެހިފަ އޮތުން މުހިންމުކަން ފާހަގަކޮށްފައެވެ.

އަދި ބްރޯޑްކާސްޓް މީޑިއާގައި ހުރިހާ ކެންޑިޑޭޓުންނަށް އެއްހަމައެއްގައި ހަމަހަމަ ފުރުސަތު ލިބިފައި ނުވާކަން ފާހަގަކޮށް، ބައެއް މީޑިއާތަކުން ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެ ކަންކަން ހުއްޓުވުމަށް އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިދާރާތަކުން ޒިންމާ އަދާކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ސިޔާސީ ފަރާތްތަކުން އެންޓި ކެމްޕޭންކުރުމުގެ ގޮތުން އަބުރު ގެއްލޭފަދަ ގޮތަކަށް ދޮގު ތުހުމަތުތައް ކޮށްފައިވާކަން އެޗްއާރްސީއެމުން ފާހަގަކޮށްފައިވެއެވެ.

އެ ކޮމިޝަނުން ބުނީ، އިންތިޚާބީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ގާނޫނީ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބީ މާހައުލު މިހާރަށްވުރެ ރަނގަޅު ކުރުމަށް ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށެވެ.

comment ކޮމެންޓް