މެލިސާ ބޭރުކޮށްލުމުން ޖެނާ އަމިއްލައަށް ކާސްޓުން ބޭރުވެއްޖެ

ޖެނާ އޯޓޭގާ އާއި މެލިސާ ބެރޭރާ ސްކްރީމްގެ ހަވަނަ ބައިގެ މަންޒަރަކުން

ސޯޝަލް މީޑިއާގައި ފަލަސްތީނަށް ސަޕޯޓު ކުރުމުގެ ސަބަބުން މަޝްހޫރު ފްރެންޗައިޒް "ސްކްރީމް"ގެ އެކްޓަރު މެލިސާ ބެރޭރާ ކާސްޓުން ވަކި ކުރުމުން އިތުރު ލީޑް އެކްޓަރެއް ކަމަށްވާ ޖެނާ އޯޓޭގާ ފިލްމު ދޫކޮށްލައިފިއެވެ.

ގާތްގަނޑަކަށް 30 އަހަރު ވާން ގާތް ވެފައިވާ ސްކްރީމް ފްރެންޗައިޒްގެ ހަވަނަ ބައެއް ރިލީޒް ކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ފްރެންޗައިޒްގެ ހަވަނަ ފިލްމާ އެކު ފްރެންޗައިޒްގެ ލީޑް އެކްޓަރުން ވަނީ ބަދަލު ކޮށްލައިފައެވެ. އެގޮތުން ހަވަނަ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވަނީ ޖެނާ އޯޓޭގާ އާއި މެލިސާ ބެރޭރާއެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފާއިތުވި މަހުގައި މެލިސާ ވަނީ ސޯޝަލް މީޑިއާގައި ފަލަސްތީނާ އެއްކޮޅަށް ވާހަކަ ދައްކައި އަނިޔާތައް ހުއްޓުވާލުމަށް މެދުކެނޑުމެއް ނެތި ގޮވައިލާފައެވެ. މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ސްޕައި ގްލާސްއިން ވަނީ މެލިސާ ދެ ދުވަހެއް ކުރީން ކާސްޓުން ބޭރު ކޮށްލާފައެވެ.

މި ކަމާ ގުޅިގެން މާ ގިނައިރުތަކެއް ނުވަނީސް ޖެނާ ވަނީ ސްކްރީމްގެ އާ ފިލްމާ އެކު އޮތް އޭނާގެ އެއްބަސްވުން ރޫޅާލުމަށް އެދިފައެވެ.

އަދި، އެއަށް ފަހު އިއްޔެ ވަނީ ސްކްރީމްގެ ކާސްޓުން އޭނާ އަމިއްލައަށް ބޭރުވެފައެވެ. މިކަމާ ގުޅިގެން ސްޕައި ގްލާސްއިން ވަނީ މެލިސާގެ ހާލަތާއި ޖެނާ ވަކިވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނަން އުޅެފައެވެ.

ނަމަވެސް ޖެނާ ވަނީ މީގެ ކުރީން އެކި ފަހަރު މަތީން ފަލަސްތީނަށް ސަޕޯޓުކޮށް ވާހަކަ ދައްކައި އެހެން މީހުންނަށް މައުލޫމާތު ސާފު ކުރުމަށް ތަފާތު މަސައްކަތް ކޮށްފައެވެ.

މިހާރު އެ ކަންތައް ވެގެން ދިޔަ ގޮތުން އަލަށް ނެރޭ ސްކްރީމް ފިލްމުގައި މަސައްކަތް ކުރާނެ އެއްވެސް ލީޑް އެކްޓަރެއް ނެތެވެ. އެހެންވީމާ ފްރެންޗައިޒްއަށް ވެސް ވާނެ ގޮތެއް ނޭނގެއެވެ. ބެލެވޭ ގޮތުގައި އާ ފިލްމު ކެންސަލު ކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް