ފަލަސްތީނުގައި ޝަހީދުކޮށްލި ކުދިންގެ އަދަދު މަދު ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

ސުޓުއާޓް ސެލްޑޮވިސްޓް. ފަލަސްތީނުގައި މަރާލި ކުދިން އަދި މަދު ކަމަށް ސެލްޑޮވިސްްޓް ވަނީ ބުނެފައި. ފޮޓޯ/ފަލަސްތީނު ކްރޮނިކަލް

ފަލަސްތީނުގައި ޝަހީދުކޮށްލި ކުޑަކުދިން އަދި މަދު ކަމަށް ބުނި އެމެރިކާ މީހަކު ނިއު ޔޯކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި މީގެކުރިން މަސައްކަތްކުރި 64 އަހަރުގެ ސުޓުއާޓް ސެލްޑޮވިސްޓް ވަނީ މަގުމަތީގައި ވިޔަފާރިކުރާ މިސްރު މީހަކާ ދިމާލަށް ޓެރަރިސްޓެކޭވެސް ބުނެފައެވެ.

ނިއު ޔޯކު ފުލުހުން ނެރުނު ބަޔާނަކާ ހަވާލާދީ ފަލަސްތީން ކްރޮނިކަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސެލްޑޮވިސްޓް ހައްޔަރުކޮށްފައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރުމާ، މީހަކު ވަޒީފާ އަދާކުރާ ތަނަށް ގޮސް ބިރުދެއްކުމާއި، ފާރަލުމުގެ ތުހުމަތުގައެވެ.

އެ ބަޔާނުގައި ވާގޮތުން ސެލްޑޮވިސްޓް ވަނީ މިސްރު މީހާ ވަޒީފާއަދާކުރާ ތަނަށް އެތައް ފަހަރަކު ގޮސް އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

މިސްރު މީހާ ވަޒީފާ އަދާކުރާ ތަނަށް ސެލްޑޮވިސްޓް ގޮސް ފުރައްސާރަކުރި ވީޑީއޯ މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް ވައިރަލްވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ބުނެފައިވަނީ ފަލަސްތީނުގެ 4000 ކުދިން މަރާލުމަކީ އަދި ފުދޭވަރެއް ނޫން ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ސެލްޑޮވިޓްސް މަސައްކަތްކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ސައުތު އޭޝިއާ ޑިރެކްޓަރޭޓްގެ އެކްޓިން ޑިރެކްޓަރުގެ މަގާމުގައި ކަމަށް އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވެއެވެ.

އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި ވެސް އޭނާ މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް