ލުބުނާނުގައި ސައުދީ ރައްޔިތަކު ރަހީނުކުރުމުން، ޚާރިޖީ މުވައްޒަފުން ގޭގައި މަޑުކުރަން އަންގައިފި

ލުބްނާންގެ ވެރި ރަށް ބެއިރޫތުގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީ. ފޮޓޯ/ސައުދީ ގެޒެޓް

ލުބުނާނުގައި ދިރިއުޅޭ ސައުދީ އަރަބިއާގެ ރައްޔިތަކު ރަހީނުކުރި މައްސަލައެއްގައި ލުބުނާނުގައި ތިބި އެ ގައުމުގެ ޚާރިޖީ މުވައްޒަފުން ގޭގައި މަޑުކުރަން ސައުދީން އަންގާފައިވާކަމަށް ސައުދީގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ދައުލަތުގެ ނޫސްކަމަށްވާ އަލް ޚަބަރިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއަން އެއާލައިނުގައި މަސައްކަތް ކުރާ އެ މީހާ ރަހީނުކޮށްފައި ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ސަރަހައްދަކުންނެވެ.

ލުބުނާނުގެ އިންޓީރިއާ މިނިސްޓަރު ބައްސާމް މައުލާވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން ލުބުނާނުގެ ސަލާމަތީ ބާރުތަކުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ހަމައެއާއެކު އެ ކަމާ ގުޅިގެން ބެއިރޫތުގައި ހުންނަވާ ސައުދީ ސަފީރާ މުއާމަލާތް ކުރަމުން އަންނަކަމަށް ވެސް މައުލާވީ ވިދާޅުވިއެވެ.

"މިހާތަނަށް ރަހީނުކުރި ނުވަތަ ގެއްލުނު ސަބަބެއް ހާމަކޮށްފައެއް ނުވޭ." ލުބުނާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާ އިން ރިޕޯޓުކުރެއެވެ.

ނަމަވެސް ރަހީނުކުރި މީހުން 400000 އެމެރިކާ ޑޮލަރު ދިނުމަށް އެދޭ ކަމަށް ޚަބަރިޔާއިން ރިޕޯޓުކުރެއެވެ.

"މި ކަމުގެ އަސަރު ލުބުނާނާ އަވަށްޓެރި އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ކުރާނެ. އެ ކުށްވެރިންނަށް ހަރުކަށި އަދަބު ލިބޭނެ،" މައުލާވީ ވިދާޅުވިއެވެ.

ލުބުނާނުގެ ސަރުކާރުގެ މައްޗަށް ހިޒްބުﷲގެ ބާރުގަދަކޮށްފައި އޮތުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ސައުދީ އާއި ލުބުނާނުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ.

ކޮރަޕްޝަނާއި ސަރުކާރު ހިންގުން ގޯސްވެ، 2019 ވަނަ އަހަރުން ފެށިގެން ލުބުނާނުގައި ކުށުގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް