ޕީއެސްޖީން ގޮންކާލޯ ރާމޯސްގެ ކޮންޓްރެކްޓް ދާއިމީކޮށްފި

ޕީއެސްޖީގެ ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސް -- ފޮޓޯ/ ގެޓީ

ބެންފީކާއަށް 80 މިލިއަން ޔޫރޯ (87 މިލިއަން ޑޮލަރު)ގެ އަގެއް ދޭން އެއްބަސްވުމަށްފަހު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސްގެ ކޮންޓްރެކްޓް ދާއިމީކޮށްފިއެވެ.

މިސީޒަނުގައި ލޯނުގެ ދަށުން ޕީއެސްޖީން ރާމޯސް ގެންގޮސްފައިވަނީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ހޯދޭ ގޮތަށެވެ. އަދި މިހާރު އެ ކޮންޓްރެކްޓް ދާއިމީ ކޮށްފައިވާ ކަމަށް ޕީއެސްޖީން ވަނީ އިއުލާންކޮށްފައެވެ. އޭނާ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2028 ވަނަ އަހަރުއެވެ.

ރާމޯސް ޕީއެސްޖީއާ ގުޅިފައިވަނީ ބެންފީކާއަށް މޮޅު ކުޅުމެއް ދެއްކުމަށްފަހުއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ބެންފީކާއަށް 47 މެޗުން 27 ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިސީޒަނުގެ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 15 މެޗުން ރާމޯސްއަށް ކާމިޔާބުކުރެވުނީ އެންމެ ދެ ގޯލެވެ.

ޕީއެސްޖީގައި ރާމޯސްއަށް ވަނީ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ސްޓްރައިކަރުގެ މަގާމަށް އޭނާއާ އެންމެ ވާދަކުރަނީ މިސީޒަނުގައި އެއިންޓްރެކްޓް ފްރެންކްފާޓް އިން ޕީއެސްޖީއާ ގުޅުނު ފްރާންސް ފޯވަޑް ރެންޑަލް ކޯލޯ މުއާނީއެވެ. ކޯލޯ މުއާނީ ވަނީ މިހާތަނަށް ކުޅުނު 11 މެޗުން ތިން ގޯލު ކާމިޔާބުކޮށްފައެވެ.

ގޮންކާލޯ ރާމޯސްގެ ނަން އެންމެ ބޮޑަށް ފާހަގަކޮށްލެވިގެންދިޔައީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ޕޯޗުގަލުން ފެނިގެންދިޔަ ގޮންކާލޯ ރާމޯސް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް މެޗުގައި ވެސް ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް