ޞާލިޙް ސަރުކާރުގެ ފަހުކޮޅު އޮތީ ބުރިޖު 2026އަށް ނިންމަން އާ އެއްބަސްވުމެއް ހަދާފައި

ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ: އިންފިނިޓް މޫމަންޓްސް/ އާއިޝް އަޝްރަފް

ނިމުނު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހުކޮޅު އޮތީ ތިލަމާލެ ބުރިޖުގެ އެއްބަސްވުން އާކޮށްފައި ކަމަށާއި މިހާރު އެ ބުރިޖު ނިންމަން ޖެހޭ ތާރީޚެއް ކަމަށް އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބުރިޖަކީ ކުރީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެކަމަކު، އެ މަޝްރޫއު ދިގުލައިގެން ގޮސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އާ ސަރުކާރުގެ އިސްވެރިން އިއްޔެ ވަނީ އެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވަން ވަޑައިގެންފައެވެ. އެއަށް ފަހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުގެ ފަހު ކޮޅު އެ މަޝްރޫއަށް ސަޕްލިމަންޓްރީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަސްލު އެ ބުރިޖުގެ މަޝްރޫއު ނިންމަން އެއްބަސްވީ އަންނަ އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމުގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީޚު ފަސްކޮށްލައިފައެވެ.

އަދި، 2025 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ވިލިމާލެއާއި މާލެ ގުޅައިލަން އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހުކޮޅު ހެދި އެއްބަސްވުމަށް އާ ސަރުކާރުން އިޚްތިރާމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންފްރާސްޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ މިނިސްޓްރީ

"މި ޝެޑިއުލުން ކައްސައިނުލާ ދިއުން އެއީ މިހާރު އެންމެ މުހިއްމު އެއް ކަންތައް. ދެވަނަ ކަމަކީ ޝެޑިއުލުން ކައްސައިނުލާ އަދި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ ގޮތްތަކެއް ހުރިތޯ ބަލާފައި އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުން،" މިނިސްޓަރު ވިދާޅުވިއެވެ.

"އެއީކީ މިހާރު ކޮންޓްރެކްޗުއަލީ ކުރެވޭނެ ކަމެއް ނޫން. ކޮންޓްރެކްޓަރާއި ސަރުކާރާ އެކުގައި އެ އޮތީ ބައިންޑިން އެއްބަސްވުމެއްގައި ސޮއިކުރެވިފައި،"

ކުރީ ސަރުކާރުން ސަޕްލިމަންޓްރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ނަމަވެސް، އެ މަޝްރޫއަށް އިތުރު އެއްވެސް ފައިސާއެއް ޚަރަދު ނުވާނެއެވެ.

މިނިސްޓަރު ވިދާޅުވީ، މަޝްރޫއު ދިގުދެމިގެންދިއުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި، މަޝްރޫއު އަވަސް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މިހާތަނަށް ނިމިފައިވަނީ އެންމެ 29 އިންސައްތަ މަސައްކަތެވެ.

ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

ކުރީ ސަރުކާރުން ވެސް ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއު ލަސް ކަމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް