"ޑާކްރެއިން"އިން ތައްޔާރުކޮށްފައިވާ ޑްރާމާ އަދި ރޮމޭންސް ފިލްމު "ނޮވެމްބަރު" ގއ. ވިލިނގިލީގައި ދައްކާ ގޮތަށް ނިންމައިފިއެވެ.
ސިންގަޕޫރުގައި ކުޅެފައިވާ މި ފިލްމަކީ މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލު ނިމާލް ލީޑުން ފެނިގެންދާ ފިލްމެކެވެ.
ޑާކްރެއިންއިން ބޮޑު މާކެޓެއް ކޮށްގެން ނެރެން އުޅޭ ފިލްމު ނޮވެމްބަރު ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަހުގައި އެކަންޏެވެ. އަދި، ފިލްމު އިއުލާނުކޮށް މި މަހުގެ ކުރީކޮޅު ވަނީ ފިލްމުގެ ޓިކެޓު ވެސް ދޫކުރަން ފަށައިފައެވެ.
މިހާރު ޑާކްރެއިންއިން ތައްޔާރުވަމުންދަނީ ފިލްމު ވިލިނގިއްޔަށް ގެންދިޔުމަށެވެ. އެގޮތުން ވިލިނގިލީގައި ދެ ޝޯއެއް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ޑާކްރެއިންއިން ހާމަކުރާ ގޮތުގައި މި ދެ ޝޯ އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ އަދި އަށްވަނަ ދުވަހުއެވެ. މި ޝޯގެ ޓިކެޓުތައް ހޯދުުމަށްޓަކައި ގުޅާނީ 9990156 އާއި 7766321 އަށެވެ.
މި ފިލްމު ވިލިނގިލީގައި ދައްކާއިރު މާލޭގައި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. މާލޭގެ ޝޯތަކަށް ވެސް މިހާރު ޓިކެޓު ދޫކުރަމުން ދާއިރު މި ޝޯތަކަށް ޓިކެޓު ހޯދުމަށް ގުޅާނީ 9911229 އަށެވެ.
ސިންގަޕޫރުގައި ކުޅެފައިވާ ފިލްމު "ނޮވެމްބަރު" އަކީ ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު އެންމެ ފޯރިއާ އެކު ނެރުމަށް ހަމަޖެހިފައިވާ އެއް ފިލްމެވެ.
ނޮވެމްބަރު ފިލްމު ރިލީޒް ކުރުމަށް ކައިރިވަމުން އަންނައިރު ފިލްމުގެ ސައުންޑްޓްރެކުން ބައެއް ލަވަތައް ވަނީ ރިލީޒްކޮށްފައެވެ.
މަޖުދާ އާއި ޖުމައްޔިލްގެ އިތުރުން ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ އާއިޝަތު ޔާދާ އާއި އައިޝަތު އަލީ އާއި އިސްމާއީލް ވަޖީހެވެ.