ފަލަސްތީނަށް ސަޕޯޓު ކުރުމުން 'ސްކުރީމް'ގެ ކާސްޓުން ބޭރުކޮށްފި

ފަލަސްތީނަށް ސަޕޯޓު ކުރުމުން ކާސްޓުން ބޭރުކޮށްލާފައިވަނީ ލީޑް އެކްޓަރު މެލިސާ ބެރޭރާ --- ފޮޓޯ : ސްކައި ނިއުސް

ސޯޝަލް މީޑިއާގައި ފަލަސްތީނަށް ސަޕޯޓު ކުރުމުގެ ސަބަބުން މަޝްހޫރު ފްރެންޗައިޒް "ސްކްރީމް"ގެ ކުރިއަށް އޮތް ފިލްމުގެ ލީޑުން ފެނުމަށް ހަމަޖެހިފައިވާ އެކްޓަރެއް ރޯލުން ދުރުކޮށް ކާސްޓުން ބޭރު ކޮށްލައިފިއެވެ.

ގާތްގަނޑަކަށް 30 އަހަރު ވާން ގާތް ވެފައިވާ ސްކްރީމް ފްރެންޗައިޒްގެ ހަވަނަ ބައެއް ރިލީޒް ކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ފްރެންޗައިޒްގެ ހަވަނަ ފިލްމާ އެކު ފްރެންޗައިޒްގެ ލީޑް އެކްޓަރުން ވަނީ ބަދަލު ކޮށްލައިފައެވެ. އެގޮތުން ހަވަނަ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވަނީ ޖެނާ އޯޓޭގާ އާއި މެލިސާ ބެރޭރާއެވެ.

ޖެނާ އާއި މެލިސާ ވަނީ ފްރެންޗައިޒްގެ ހަތްވަނަ ބައިގެ ވެސް ލީޑަށް ހަމަ ޖައްސާފައެވެ. އަދި، އެ ފިލްމުގެ މަސައްކަތް ވަނީ އޯގަސްޓު މަހުގެ ތެރޭގައި ފަށައިފައެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފާއިތުވި މަހުގައި މެލިސާ ވަނީ ސޯޝަލް މީޑިއާގައި ފަލަސްތީނާ އެއްކޮޅަށް ވާހަކަ ދައްކައި އަނިޔާތައް ހުއްޓުވާލުމަށް މެދުކެނޑުމެއް ނެތި ގޮވައިލާފައެވެ. މެކްސިކޯއަށް ނިސްބަތްވާ މެލިސާ ފާހަގަކުރާ ގޮތުގައި އެ މީހުންގެ ގައުމު ވެސް ވަނީ އެކި ކަހަލަ އަނިޔާތަކުގެ ޝިކާރައަށް ވެފައެވެ. އަދި، އެފަދަ ކަމެއް ތަހައްމަލުކޮށް އެހެން ބަޔަކަށް އެފަދަ ގެއްލުމެއް ދޭ ތަން ބަލަން ނުހުރެވޭނެ ކަމަށް މެލިސާ އެކި ފަހަރު މަތީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސްކްރީމްގެ ކާސްޓުން ވަނީ އޭނާ ދާދި ފަހުން ވަކި ކޮށްލައިފައެވެ.

ސްކްރީމް ނެރޭ "ސްޕައި ގްލާސް"އިން ހާމަކޮށްފައިވާ ގޮތުގައި 'އެންޓިސެމިޓިޒަމް'އަށް އިިޝާރާތްކޮށް ނަފުރަތު އުފެދޭ އެއްވެސް ކަހަލަ ވާހަކަތަކެއް ގަބޫލު ކުރެވެން ނެތެވެ. އަދި، ހަގީގަތް އޮޅުވާލައި ދެކެވޭ ވާހަކަތަކަށް ސަޕޯޓެއް ދެވެން ނެތް ކަމަށް ވެސް ސްޕައި ގްލާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ވާހަކަތަކަކީ މެލިސާއަށް ރައްދުކޮށް ނެރުނު ބަޔާނެކެވެ.

މި ނިންމުމާ ގުޅޭގޮތުން ފިލްމު ޕްރޮޑިއުސަރު ކްރިސްޓޮފާ ލެންޑަން ވެސް ބުނަނީ އެ ނިންމުމަކީ އޭނާގެ ބާރުގެ ދަށުގައި އޮތް ނިންމުމެއް ނޫން ކަމަށާއި ޕްރޮޑަކްޝަން ކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ. އަދި، އެކަމާ ވަރަށް ހިތާމަ ކުރާ ކަމަށް ވެސް ލެންޑަން ބުނެއެވެ.

ސްޕައި ގްލާސްގެ ނިންމުމާ ގުޅޭގޮތުން މެލިސާ އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ލީޑުގެ ގޮތުގައި ހިމެނޭ ޖެނާ ވެސް ވަނީ މީގެ ކުރީން އެކި ފަހަރުތަކެއްގެ މަތީން ފަލަސްތީނަށް ސަޕޯޓުކޮށް ވާހަކަ ދައްކާފައެވެ. ނަމަވެސް އޮކްޓޯބަރު ހަތަކާ ގުޅިގެން ކަންތައް ވަމުންދާ ގޮތާ މެދު ޖެނާ ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއާއެކު އޭނާގެ ރޯލަށް ހަދާނެ ގޮތެއް އަދި ހާމައެއް ނުވެއެވެ.

comment ކޮމެންޓް