ޔޫރޯ 2024އިން ކްރޮއޭޝިއާ ޖާގަ ހޯދައިފި

ކްރޮއޭޝިއާ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ކޯޓްއޮފްސައިޑް

އަންނަ އަހަރު ޖަރުމަނުގައި ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކްރޮއޭޝިއާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުން ކްރޮއޭޝިއާ ޖާގަ ހޯދީ ކޮލިފައިން ގްރޫޕް ޑީގައި އާރްމީނިއާ އާއި ބައްދަލުކުރި މެޗު 0-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ކްރޮއޭޝިއާއިންނެވެ.

އެ މެޗުގައި އަރްމީނިއާއިން ވަނީ ކްރޮއޭޝިއާއަށް ލަނޑެއް ޖެހުމުގެ ފުރުސަތު ނުދިނުމަށް ޓަަކައި މަސައްކަތްކޮށްފައެވެ.

ނަމަވެސް އެ ޓީމަށް އެ ކަން ކުރުމުގެ ފުރުސަތު ލިބުނީ މެޗުގެ 43 ވަނަ މިނެޓުގެ ތެރޭގައެވެ.

އެގޮތުން ކްރޮއޭޝިއާގެ އެންޓޭ ބުޑިމީރުވަނީ ލަނޑެއް ޖަހައި، މެޗްގެ ލީޑު ކްރޮއޭޝިއާއަށް ހޯދައިިދީފައެވެ.

މިއީ މި ފަހަރުގެ ކޮލިފައިންގައި ބުޑިމީރު ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗުގައި ބުޑިމީރުވަނީ އިތުރު ލަނޑެއް ވެސް ޖަހައިފައެވެ. ނަމަވެސް އެލަނޑު ޖެހުމުގެ ކުރިން ފައުލެއްކޮށްފައިވުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗު ކާމިޔާބުކުރުމުގެ އިތުރުން ތުރުކީއާއި ވޭލްސް ބައްދަލުކުރި މެޗުގައި ވޭލްސް ބަލިވުން ވެގެންދިޔައީ ކްރޮއޭޝިއާއަށް އަންނަ އަހަރުގެ މުބާރާތުން ސީދާ ޖާގައެއް ކަށަވަރުވި ސަބަބަކަށެވެ.

މި ކާމީޔާބީއާއެކު ކްރޮއޭޝިއާއިން މި ފަހަރުގެ ކޮލިފައިން ނިންމާލީ ގްރޫޕް ޑީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއީ ކުޅުނު އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.

އަރްމީނިއާއިން ކޮލިފައިން ނިންމާލީއަށް ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައި އޮވެގެންނެވެ.

comment ކޮމެންޓް