ލަންކާއާއި ތައިލެންޑުން ވިޔަފާރީގެ އެއްބަސްވުމަކަށް

ސްރީ ލަންކާގެ އޮފިޝަލުންތަކެއް. ފޮޓޯ/ޑެއިލީ ނިއުސް

ސްރީ ލަންކާއާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް އަންނަ ޑިސެމްބަރު މަހު ކުރަން ނިންމާފައިވާ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަޝްވަރާތަކަށްފަހު ސޮއިކުރާނީ އަންނަ އަހަރު ފެބްރުއަރީ މަހުއެވެ.

ލަންކާ 1948 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތްދަށުން މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ އަނދަވަޅުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާއިރު، ވިޔަފާރީގެ އެއްބަސްވުންތައް އިތުރުކުރުމަށް ލަންކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ހުށަހަޅާފައިވާ ލަންކާ-ތައިލެންޑް ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރާނީ މަޝްވަރާތައް ނިމުމުން،" ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު އަދި ދަތުރުފަތުރާ ބެހޭ ވަޒީރު ބަނޑޫލާ ގުނަވަރްދަނޭ ވިދާޅުވިއެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ލަންކާއާއި ތައިލެންޑާއި ދެމެދު 2021 ވަނަ އަހަރު ގާތްގަޑަކަށް 460 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. ލަންކާއިން ތައިލެންޑަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ސައިފަތާއި ހިލައާއި އިލެކްޓްރޯނިކް ސާމާނާއި ކާބޯތަކެއްޗާއި ރަބަރު ، ޕްލާސްޓިކް އަދި ބޭހެވެ.

ތައިލެންޑުގެ އިތުރުން އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް މި މަހު ލަންކާއިން ވަނީ ފަށާފައެވެ. އިތުރު ވިޔަފާރީގެ އެއްބަސްވުމެއް ބަންގްލަދޭޝްއާއެކު ހަދަން ބޭނުންވާ ކަމަށްވެސް ލަންކާއިން ވަނީ ބުނެފައެވެ. ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނޭ ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕްގެ މެމްބަރުކަން ބޭނުންވާ ކަމަށް ލަންކާއިން ހާމަކޮށްފައިވެއެވެ.

ލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި އިޤުތިޞާދީ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ އާއިލާގެ ތިން ބެއިން ކަމަށް ލަންކާގެ ސްޕްރީމް ކޯޓުން ހުކްމު ކޮށްފައި ވަނީ މިދިޔަ ހަފުތާގައެވެ.

އިގްތިސާދީ ކާރިސާއާ ގުޅިގެން ލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ހުސްވެ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަން ފެށުމާ އެކު 2021 ވަނަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ރައްޔިތުން ވަނީ އޭރުގެ ރައީސް ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ. ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިއެވެ. އަދި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދަރަނި ދެއްކޭނެ ގޮތް ހުސްވެ، ބަނގުރޫޓުވެފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް