ދިރާސީ އައު އަހަރު ބަދަލު ކުރަން ޖެހޭތަ؟

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ބެލެނިވެރިންގެ މެދުގައި މިވަގުތު އެންމެ ގަދައަށް ކުރެވޭ މަޝްވަރާއަކީ ދިރާސީ އައު އަހަރު ޖަނަވަރީއަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އެއްބަޔަކު މިކަމަށް ފުރިހަމައަށް ތާއީދު ކުރެއެވެ. ނަމަވެސް، އަނެއް ބަޔަކު މިކަމާ ޚިޔާލު ތަފާތެވެ.

ދިރާސީ އައު އަހަރު ޖަނަވަރީ މަހު ފެށުމަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ އެއް ސަގާފަތެވެ. ނަމަވެސް ކޮވިޑުގެ ބޮޑު ބިޔަ ރާޅުގައި ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުނީއެވެ. އެއާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކޮށް އޯގަސްޓް މަހުގެ ކުރީކޮޅު ކިޔަވައިދޭން ފަށާގޮތަށް 2020 ވަނަ އަހަރުން ފެށިގެން ބަދަލު ކުރިއެވެ.

އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭރުވެސް މިކަމަށް ތާއީދުކުރި ބަޔަކާއި މިކަމާ ދެކޮޅަށް ވާހަކަ ދެއްކި ބަޔަކު އުޅުނެވެ. މިއީ އެދުވަސްވަރު ވެސް ހޫނުވި މައުޟޫއެކެވެ.

މިހާރު އޮންނަ ގޮތުން ދިމާވާ ގޮންޖެހުންތައް

ދިރާސީ އައު އަހަރު ރަސްމީކޮށް ޖަނަވަރީމަހަށް ބަދަލުކުރާ ވާހަކަ ދައްކާއިރު، މިހާރު މިކަން އޮންނަ ގޮތުން ދިމާވާ ދަތިތަކުގެ ވާހަކަ ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުން ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫގެ ސްކޫލު ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ސައީދު ވަނީ އޭނާގެ ޚިޔާލު މިކަމުގައި ފާޅު ކުރައްވާފައެވެ. އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި ރޭވި ހިންގޭ އެހެނިހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވެނީ ޖަނަވަރީން ޑިސެމްބަރަށް ކަމަށެވެ. އެހެންކަމުން ތައުލީމީ މުއައްސަސާ އެހެން ގޮތަކަށް ކުރިއަށް ގެންދެވޭ ގޮތަށް އޮތުމަކީ ނުހަނު ގިނަ ދަތިތައް ކުރިމަތި ކުރުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސާލެއްގެ ގޮތުން ޑރ. އާސިޔަތު ލިޔެފައި ވަނީ، ދައުލަތުގެ ބަޖެޓު ކަނޑައަޅާ މުއައްސަސާތަކަށް ދެވެނީ ޖަނަވަރީން ޑިސެމްބަރަށް ކަމަށް ވުމުން ސްކޫލުގެ ބަޖެޓު މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކެވެ.

މީގެ އިތުރުން ވެސް، ކޮވިޑުގެ ފަހުން އެއްވެސް މަރާމާތެއް ނުކުރެވި ސްކޫލުތައް ވިރާނާވެފައިވާ މިންވަރަކީ މިފަދަ ބަދަލުތަކުގެ ސަބަބުން ދިމާވި ދަތިތަކެއްގެ ނަތީޖާ ކަމަށް ވެދާނެކަމަށް އޭނާ ލިޔެފައި ވެއެވެ.

"ސްކޫލުތަކުގެ ބޭއްވޭ ތަފާތު އިތުރު ހަރަކާތްތައް ބޭއްވުން ފަދަ ކިތަންމެ ކަމެއްގައި ދަތިތަކާ ކުރިމަތި ވާއިރު، އެ ދަތިތައް އިނގޭނީ އެކަން ކުރަން ތިބޭ ބަޔަކަށް،" ދިރާސީ އައު އަހަރު ޖަނަވަރީއަށް ބަދަލުކުރުމުގެ ބޭނުންތެރިކަން ބޮޑުކަން ހާމަކުރައްވާ އޭނާ ލިޔެފައި ވެއެވެ.

މިކަމާ ގުޅިގެން "ސަން"އަ ވާހަކަ ދައްކަވަމުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ދިރާސީ އައު އަހަރު، އަހަރުގެ މެދުތެރެއިން ފެށޭތީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ދިރާސީ އައު އަހަރު ޖަނަވަރީއަށް ބަދަލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

"އެގޮތަށް އޮތުމަކީ ކިޔަވާ ކުދިންނާ މުދައްރިސުންނަށް ވެސް ވަރަށް ފަސޭހަ ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ. އެއީ ކަންކަން މެނޭޖު ކުރުމާ އެ ހުރިހާ ގޮތަކުން ބަލާފަ ވެސް،" ރަޝީދު ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން، މިހާރު އޮންނަ ގޮތުން ކޮންމެ އަހަރަކު ބޮޑު ޗުއްޓީ ދުވަސްތައް ދިމާވަނީ ޖުލައި މަހުގެ ވިއްސާރަކުރާ ދުވަސްތަކާއެވެ. ބޮޑު ޗުއްޓީގައި ގިނަ ބަޔަކު ކަނޑު މަގުންނާއި ވައިގެ މަގުން އެކި ތަންތަނަށް ދަތުރު ކުރެއެވެ. އެހެންކަމުން މޫސުން ގޯސް ދުވަސްތަކާ ބޮޑު ޗުއްޓީ ދިމާވުމަކީ ވަރަށް ގިނަ ބަޔަކު ވޭތުވެދިޔަ ދެ އަހަރު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

ކަންބޮޑުވަނީ ދަރިވަރުންގެ ކިޔެވުމުން އަހަރެއް ގެއްލިދާނެތީ

ދިރާސީ އައު އަހަރު ޑިސެމްބަރަށް ބަދަލުކުރުމަށް ތާއީދު ނުކުރާ ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުންގެ މަދަރުސީ ހަޔާތުން ދުވަސްތަކެއް ގެއްލުމެވެ. 2020ވަނަ އަހަރު ސްކުލުތަކުގެ ކިޔެވުން ހަ މަސްދުވަހަށް ދަންމާލުމުން ވެސް މި މައްސަލަ ކުރިމަތިވިއެވެ. މިހާރު ވެސްކޫލުގައި އުޅޭ ގިނަ ދަރިވަރުންނަކީ އުމުރުން އެއް އަހަރު ބޮޑުކޮށް ކިޔަވަމުންދާ ކުދިންނެވެ.

"އަހަރެމެން ބޭނުންވަނީ ދެން އެ އޮތް ގޮތަށް ދަރިވަރުންގެ ކިޔެވުމުން އަނެއްކާ ދުވަސްތަކެއް ނުގެއްލި ކުރިއަށް ދެވެން. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދިރާސީ އައު އަހަރު ބަދަލުކުރަން ވެއްޖެއްޔާ އެއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ގަބޫލު ކުރެވެނީ މިހާރު މިއޮތް ގޮތަށް ބާއްވައިފިއްޔާ ދަރިވަރުންނަށް މާ ރަނގަޅު ވާނެ ކަމަށް،" މި ނޫހާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އާސިޔަތު ވެސް މި މައްސަލައިގައި ވިދާޅުވެފައި ވަނީ މިކަން ކުރަން ވާނީ ދަރިވަރުންގެ ކިޔެވުން އިތުރަށް ނުގެއްލޭ ގޮތަށް ކަމަށެވެ. ކުރިން ދިމާވި ފަދައިން ދަރިވަރުންނަށް ދިމާވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމުގެ ސަބަބުން ބެލެނިވެރިން ވެސް ދަރިވަރުން ވެސް ކަންބޮޑުވާނެ ކަމަށް އާސިޔަތު ވިދާޅުވިއެވެ.

މިކަމާ ރަޝީދު ވެސް އެއްބަސްވެއެވެ.

"އެ ބަދަލުވާ ބަދަލުވުމަކީ ވެސް ކުއްޖާގެ އުމުރުން އެއްވެސް ބައެއް ނުގެއްލޭނެހެން އިންތިޒާމް ކުރެވިގެން ބަދަލުވާ ބަދަލުވުމަކަށް ވެއްޖެއްޔާ މީގަ ފައިދާއެއް ވާނީ. އެނޫން ގޮތަކަށް މިކަން ވެއްޖެކަމުގައި ވަނީވިއްޔާ ކުރިން ފަހަރު ދިރާސީ އަހަރު ބަދަލުކުރި އިރުގަ ކުދިންނަށް މި ދިމާވި މައްސަލަ ތަކުރާރު ވާނެ،" އޭނާ ވިދާޅުވިއެވެ.

ރަޝީދު ވެސް ވިދާޅުވީ ދިރާސީ އައު އަހަރު ބަދަލުވުމުގެ ސަބަބުން ސިލަބަހާ ދަރިވަރުންގެ އުމުރު ނުބައްދަލުވެގެން ނުވާނެ ކަމަށެވެ. އެކަން ކުރަންވާނީ ދަރިވަރުންގެ އުމުރުން ބައެއް ނުގެއްލި ކުރިއަށް ދެވޭ ފަދަ ގޮތަކަށް ވިސްނުންތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ކުރެވޭނެ ގޮތަކީ ކޮބައިބާ؟

ރަޝީދު ވިދާޅުވީ، ދަރިވަރުންނަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ދިރާސީ އައު އަހަރު ބަދަލު ކުރެވޭނީ 2025، 2026 ނުވަތަ 2027ވަނަ އަހަރު އެ ނިޒާމު ބަދަލުކޮށްގެން ކަމަށެވެ.

"ކޮންމެ ގޮތަކަށް ބަދަލުކުރި ކަމުގައި ވީނަމަވެސް އަސްލު އިިމްތިހާނުތަކަށް ބުރޫ އަރާނެ. ހަމަ ގައިމު ވެސް 24ގަ އެކަމެއް ނުކުރެވޭނެ. އެއީ ދެން އެންމެ މަހެއްތާ މި އަހަރު ބާކީ މި އޮތީ،" އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މިކަމަށް ވަރަށް ރަނގަޅު ދިރާސާތަކެއް ކުރެވެން ޖެހޭ ކަމަށެވެ. އަދި ދުރާލާ ކަންތައްތަކެއް ރޭވި، އުސޫލެއްގެ ދަށުން، ދަރިވަރުންނަށް ގެއްލުން ނުވާނެ ގޮތަކަށް މިކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ދިރާސާއެއް ނުކޮށް މިކަން ކޮށްފިއްޔާ އަނެއްކާ ވެސް ދަރިވަރުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނީ. ހާއްސަކޮށް އޯލެވެލް އޭ ލެވެލް އިމްތިހާން ހަދާކުދިންނަށް ވަރަށް ބޮޑަށް މިކަމުގެ އަސަރު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ވެސް މިކަމާ ގުޅިގެން ޚިޔާލު ފާޅޫކޮށްފައިވާ ގިނަ މީހުން އެދިފައި ވަނީ ދިރާސީ އައު އަހަރު ބަދަލުކުރާ ނަމަ ދަރިވަރުންގެ ކިޔެވުން ނުގެއްލޭނެހެން އެކަން ކުރުމަށެވެ.

ދަރިވަރުންގެ ކިޔެވުމަށް އެކަމުގެ އަސަރު ނުކުރާނެ ގޮތަކަށް ނުވަތަ ދަރިވަރުންނަށް އެކަމުގެ އަސަރު އެންމެ ކުޑަވާނޭ ގޮތަކަށް ދިރާސީ އައު އަހަރު ބަދަލުކުރެވިއްޖެ ނަމަ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމަށް ވެސް ހައްލެއް ލިބޭނެއެވެ.

comment ކޮމެންޓް