ދިރާސީ އަހަރަށް ގެންނަ ކޮންމެ ބަދަލަކުން ކުދިންގެ ހަޔާތަށް އަސަރުކުރާނެ: އައިޝަތު އަލީ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ --- ފޮޓޯ/ ރައީސް އޮފީސް

ދިރާސީ އަހަރަށް ގެންނަ ކޮންމެ ބަދަލަކީ ވެސް ކުދިންގެ މަދަރުސީ ހަޔާތަށް އަސަރުކުރާނެ ކަމެއް ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެެވެ.

އޭނާ އެ ފަދައިން ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި ޕޯސްޓެއް ކުރެއްވީ އާ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް ބަދަލުކުރުމަށް އަލުން މަަސައްކަތް ފަށައިފައިވަނިކޮށެވެ.

އެ ކަމާ ގުޅިގެން ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ދިރާސީ އަހަރު ކުރުކުރާނަމަ، ކިޔަވައިދޭ މަންހަޖު ނުގެއްލޭނެ ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން އޯލެވެލް ހަދާ ދަރިވަރުންނަށް މިހާރު ދެ އަހަރުން ވެސް ނުނިންމޭ މުގައްރަރު ނިންމޭނެ ގޮތެއް ސަރުކާރުން ހޯދައިދިނުމަކީ އިސްކަން ދިނުން މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ-- ސަން ފޮޓޯ: މާހިލް އާތިފް

"އަޅުގަނޑު ކިޔެވި ފޮތްތަކުންނާއި ކިޔަވައިދެއްވި ދާރިސުންގެ އަރިހުންނާއި ތައުލީމީ ދާއިރާއިން ލިބުނު ތަޖުރިބާއިން ދަސްވި އެކައްޗަކީ ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫންކަން" ކުރީގެ މިނިސްޓަރު އައިޝަތު އަލީގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވައިފައިވެއެވެ.

ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސުކޫލުތަށް ބަންދުކުރުމުން، ދަރިވަރުންގެ ތައުލީމީ ހަޔާތަށް ނަފްސާނީ އަދި އިޖްތިމާއީ ގޮތުން ބޮޑު ހީނަރުކަމެއް އައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، 2020ވަނަ އަހަރުގެ ދިރާސީ ކިޔެވުން ދޮޅު އަހަރަށް ދިގު ކުރަން މަޖުބޫރުވީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 24، 2020: އަމީނިއްޔާ ސުކޫލް ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާއެކު އައިޝަތު އަލީ ވިދާޅުވީ، އޭރު ދިރާސީ އަހަރުގެ ކިޔެވުން ފަށާ ހިސާބު ބަދަލުކުރުމުގެ ފުރުސަތު ފަހިވީ، ކުދިންގެ ކިޔެވުމަށްކޮށްފާނެ އަސަރަކަށް ޓަކައި އެކަން މަޑުޖައްސައިލައިގެން ތިއްބާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކަމަށް ތަފްސީލީ ދިރާސާތަކެއް ހެދިފައި ނެތް ނަމަވެސް ދަރިވަރުންގެ އުނގެނުމަށް ކުރި އަސަރު އެނގިލައްވާކަމަށް އައިޝަަތު އަލީ ވިދާޅުވިއެވެ.

"ދަރިވަރުންގެ އުނގެނުމަށް ކުރި އަސަރު ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެ ކަންކަން އެނގޭ. ތެދު ހައްދަވަނީނަމަ މިކަމުގެ އަސަރުތައް ތަޖުރިބާ ކުރި އެހެން ބޭބޭފުޅުންނަށް ވެސް މިއީ ދޮގެކޭ ބުނާކަށް ނުކެރޭނެ" އޭނާ ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރުގެ ކަންބޮޑުވުން ފާޅުކުރައްވައިފައިވާއިރު ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް