ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގަން ހަވާލުކޮށްފި

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިއަދު އައިޔޫއެމގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/އާއިޝް އަޝްރަފް

ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމްގެ) ކެމްޕަހެއް ހިންގަން ހަވާލުކުރުމަށް އައިޔޫއެމުން އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އައިޔޫއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ޒާހިރެެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު އަލީ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ފޯރުކޮށްދޭ ތައުލީމު ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ސަބަބުން، އިސްލާމީ ޔުނިވާސިޓީގައި ހުރި ކޯސްތައް ތިނަދޫގައި ހިންގޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިއަދު އައިޔޫއެމގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/އާއިޝް އަޝްރަފް

"ތިނަދޫ އާ ކައިރި އެންމެހާ ރަށްތަކުގަ ދިރިއުޅުއްވާ އަޅުގަނޑުމެންގެ އަހުންނާއި އުޚްތުންނަށް ވެސް އަދި ދަރިވަރުންނަަށް ފަދސ$ޭހަ ކަމާއެކު އައިސް ކިޔެވުމުގެ ފުރުސަތު މި އެއްބަސް ވުމުގެ ސަބަބުން ތަނަވަސް ވެގެން ދާނެ " އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޔުނިވާސިޓީގެ އިމާރާތެއް ނެތުމުން ކިޔަވައި ދިނުމަށް ހުރި އުނދަގުލަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރެވުނު ކަމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމެއް ކަމަށެވެ.

"ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް މި ޔުނިވަސިޓީ އާ ދޭތެރޭގަ އެބަ އޮތް. އެހެންކަމުން އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މި މަސައްކަތް ކުރިއަށް މި ގެންދެވެނީ" ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެހެން ޔުނިވާސިޓީތަކުގެ ގޮފިތައް މިހާރު ވެސް އެ ސިޓީގައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އިސްލާމިކް ޔުނިވާސިޓީގެ މަރުކަޒެއް އެ ސިޓީގައި ހުރުމަކީ ކޮންމެހެން ލާޒިމު ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"އެހެން އެއްވެސް މުއައްސަސާއަކަށްވުރެ ބޮޑަށް އެ ތަނުގެ އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އައިޔޫއެމްގެ މަރުކަޒެއް ހުރުމަކީ ލާޒިމުކަމެއް. ސަބަބަކީ އައިޔޫއެމްގެ ފަލްސަފާ އާ މަންހަޖާއި، އައިޔޫއެމްގެ ރިސާލަތަކީ ވަރަށް ތަފާތު ރިސާލަތެއް. އެއީ ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ދެމެހެއްޓުމާއި، އިސްލާމީ ނޫރު ދެމެހެއްޓުމަށް އިސްލާމީ ހިދާޔަތު ދަމަހައްޓައި ފަތުރާ އެންމެ މަތީ މުއައްސަސާއަކީ ވެސް މި މުއައްސަސާ" އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިއަދު އައިޔޫއެމގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/އާއިޝް އަޝްރަފް

ޝަހީމް ވިދާޅުވީ އައިޔޫއެމްގެ ކޯސްތަކަކީ ވަކި ކަހަލަ ޝަޚްސިއްޔަތެއް ބިނާ ކުރުމަށް ފަރުމާކޮށްފައި ހުންނަ ކޯސްތަކެއް ކަމަށެވެ. އެހެން ޔުނިވާސިޓީތަކުގައި ނުހުންނަ ކޯސްތައް ވެސް އައިޔޫއެމްގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވަނީ ކުރިއަށް ހުރި ދުވަސްތަކުގައި އެ ޔުނިވާސިޓީން ސްކޮލަޝިޕް ދޫކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ކަނޑައެޅިގެން ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަޝިޕް ދޭނެކަމަށް ވިދާޅުވިއެވެ

ހަމައެއާއެކު ފަހަރަކު ރަށެއްގައި އައިޔޫއެމްގެ ކެމްޕަސްތައް ތަރައްގީކޮށް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ޔުނިވާސިޓީގެ ކެމްޕަސްތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒާއި، މިނިސްޓްރީގެ ތަޞައްވުރު އައިޔޫއެމްއާ ދޭތެރޭގައި ބޮޑުކަމަށެވެ.

އެގޮތުން އެ ޔުނިވާސިޓީ އަކީ ބައިނަލްއަގްވާމީ ފެންވަރުގެ، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެވޭ ފެންވަރުގެ ޔުނިވާސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް