ޕްރިޒަންސް ކޮމިޝަނަރުގެ މަގަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މިއަދު ވެސް ސަރުކާރުގެ އިސް މަގާމުތަކަށް ބައެއް ބޭފުޅުންވަނީ އައްޔަންކުރައްވައިފައެވެ.
އެގޮތުން ޒަރީރު ވެސް މަގާމަށް އައްޔަން ކުރެއްވީ މިއަދު އޮތް އެ ރަސްމިއްޔާތުގައެވެ. ޒަރީރު ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
އޭނާ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވީ އޭރު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ރައީސް ޑރ. މުއިއްޒުގެ އަރިހުގައެވެ.
މީގެ އިތުރުން ރައީސް މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް މާލޭ ސިޓީ ކައުންސިލުގައި ޒަރީރުވަނީ އެ މަނިކުފާނު އަރިހުގައި މަސައްކަތްކުރައްވައިފައެވެ.
މީގެ އިތުރުން ޒަރީރަކީ ޕީޕީއެމް ޕީއެންސީގައި މަސައްކަތްކުރައްވާ އިސް މެމްބަރެކެވެ.
ނިމިދިޔަ ސަރުކާރުގައި އެންމެ ފަހުން ޕްރިޒަންސް ކޮމިޝަނަރުކަން ކުރެއްވީ އަހުމަދު މުހައްމަދުފުޅެވެ.
މުހައްމަދު ފުޅު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް އައްޔަންކުރީ ޖެނުއަރީ 21، 2020 ގައި, އެމަގާމުގައި ހުންނެވި އަބްދުﷲ މުނާޒް އެ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައެވެ.