ސިއެރަ ލިއޯނާއެކު ބައްދަލުކުރި މެޗު މިސްރުން ކާމިޔާބުކޮށްފި

ޓްރެޒެގޭ ވަނީ މިމެޗްގައި މިސްރުގެ ދެ ލަނޑުވެސް ޖަހާދީފަ / ފޮޓޯ: އިޖިޕްޝިއަން ސްޓްރީޓްސް

ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް އޭގައި މިސްރާއި ސިއެރަ ލިއޯން ބައްދަލުކުރި މެޗު މިސްރުން ކާމިޔާބުކޮށްފިއެވެ.

ސިއެރަ ލިއޯންގައި ކުޅުނު މި މެޗު މިސްރުން ކާމިޔާބުކުރީ 0-2 އިންނެވެ.

މިސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18ވަނަ މިނެޓުގައި ޖަހައިދިނީ މަހްމޫދު ޓްރެޒެގޭއެވެ. އަދި މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދީ އެ ޓީމްގެ ލީޑު ފުޅާކޮށްދިނީ ވެސް ޓްރެޒެގޭއެވެ.

މި މެޗުގައި ސިއެރަ ލިއޯންގެ ދެ ކުޅުންތެރިޔަކަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތް ކާޑު ދައްކައިފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޓައިރީސް ފޯނާއަށް ރަތް ކަޑު ދެއްކިއިރު މެޗުގެ އިތުރު ވަގުތުގައި އަބްދުލް ޖަރްޖޫ ކާބިއާއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ކާމިޔާބީއާއެކު މިސްރު މިހާރު އުޅެނީ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ.

އެފްރިކާ ބައްރުގެ ކޮލިފައިން މި ފަހަރު ރޭވިފައިވާ ގޮތުން ކޮލިފައިންގެ ނުވަ ގްރޫޕުން ވެސް އެއްވަނަ ހޯދާ ނުވަ ޓީމަށް ވެސް 2026 ވަނަ އަހަރު ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތުން ޖާގަ ލިބޭނެއެވެ.

comment ކޮމެންޓް