ސްޕެއިންގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ ގާވީގެ ފަޔަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރެއްކަމަށްވާ ގާވީގެ ފަޔަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ގާވީގެ ފަޔަށް އަނިޔާވެފައިވަނީ ސްޕެއިން އާއި ޖޯޖިއާ ރޭ ބައްދަލުކުރި މެޗުގައި ބޯޅައެއް ކޮންޓްރޯލު ކުރުމަށް ފުންމައިލުމަށްފަހު ތިރިވި ވަގުތު ފައިޖެހުނު ގޮތަކުންނެވެ.
އުމުރުން 19 އަހަރުގެ ގާވީ އަނިޔާވެގެން ދަނޑުން ފޭބިއިރު އޭނާގެ މޫނުމަތިން މާޔޫސްކަން ވަރަށް ބޮޑަށް ފާހަގަވެފައި ވެސްވެއެވެ.
ޓެސްޓު ތަކުން ދައްކާގޮތުގައި ގާވީގެ ކަނާތު ފައިގެ ލިގަމެންޓަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެ ކަމަށް ފަރުވާކުރުމުގެ ގޮތުން އޮޕަރޭޝަން ކުރުމަށް ވެސް މިހާރުވަނީ ނިންމައިފައެވެ.
ގާވީއަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާ މި ސީޒަނުގައި އިތުރަށް ފެނުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.
އަދި މި ފެށޭ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތުން ވެސް އޭނާ ނުފެނިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެއީ މިފަދަ އަނިޔާ ތަކުން އެއްކޮށް ރަނގަޅުވުމަށް އާންމުކޮށް އަށް މަހާއި ދިހަ މަހާ ދެމެދުގެ މުއްދަތެއް ނަގާތީއެވެ.
އެހެން ވެއްޖެނަމަ އަންނަ އަހަރުގެ ޖޫން ޖުލައި މަސް އަންނައިރު ގާވީ އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ކުޑަވާނެއެވެ. މީގެއިތުރުން މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރިސް އޮލިމްޕިކްސްގައި ވެސް އޭނާ ނުފެނުން އެކަށީގެންވެއެވެ.