މިދިޔަ މަހު އިމްޕޯޓު އިތުރު، އެކަމު އެކްސްޕޯޓާއި އާމްދަނީ ދަށަށް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު އާމްދަނީއާއި އެކްސްޕޯޓު ދަށްވެފައިވީ ނަމަވެސް މުދާ އިމްޕޯޓު ކުރި މިންވަރު އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައިި ލިބުނީ 336 މިލިއަން ރުފިޔާއެވެ.

އެކްސްޕޯޓުކޮށްގެން 163 މިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ މަހު ލިބިފައިވެއެވެ. އިމްޕޯޓަށް ފަސް ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކައި ގޮތުން، މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި އިންޑިއާއިންނެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކުރީ އޮމާން، މެލޭޝިއާ އަދި ޗައިނާއިންނެވެ.

ޔޫއޭއީއާއި އިންޑިއާއިން 732 މިލިއަން ރުފިޔާ ގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 716 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އޮމާނުން 688 މިލިިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން މެލޭޝިއާއިން 390 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މުދަލަށް ބަލާއިރު އެންމެ ގިނަ އަދަދެއް ގެ މުދާ ބޭރުކުރީ ތައިލޭންޑަށެވެ. އެއީ އެކްސްޕޯޓުގެ 46 ޕަސެންޓެވެ.

ދެވަނައަށް އިނގިރޭސިވިލާތަށް 15 ޕަސެންޓު މުދާ ބޭރުކޮށްފައިވާއިރު ފްރާންސަށްވަނީ 10 ޕަސެންޓު މުދާ ބޭރުކޮށްފައެވެ.

ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ ބޮޑު ބައެއް ހިއްސާކުރަނީ މަސްދަޅާއި ފިނިކުރި ކަނޑުމަހެވެ. އެގޮތުން 74 މިލިއަން ރުފިޔާގެ ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކުރިއިރު 36 މިލިއަން ރުފިޔާގެ މަސްދަޅުވަނީ ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ.

comment ކޮމެންޓް