ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ ކޯޓު މެޖިސްޓްރޭޓެއްގެ މަގާމަށް ބަދަލުކުރަން ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯޓަށް ހުށައެޅުނު މައްސަލައެއްގައި އަލީ އާދަމް އެ މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އޭނާގެ މަގާމު ދަށްކުރަން ނިންމީ އެ ކޮމިޝަނުގައި ބޭއްވި ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހުގައެެވެ.
އަލީ އާދަމް މަގާމު ދަށްކުރީ، މީގެ ކުރިން ވެސް މެޖިސްޓްރޭޓާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީ ބެލުމަށް ފަހު އޭނާގެ މައްޗަށް އެ ކަން ސާބިތުވެފައިވާތީ، އޭނާ މަގާމުން ވަކި ކުރަން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.
އެ މެޖިސްޓްރޭޓް ވަކިކުރުމާ ބެހޭ ގޮތުން އަދިވެސް މަޖިލީހުން ގޮތެއް ނިންމާފައެއް ނުވެއެވެ. މީގެ ކުރިން ޖޭއެސްސީން ވަނީ އެ ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާ ވަނީ އެ މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.
މިކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.