ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ނަންތައް އަލުން ތަރުތީބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތަރުތީބު --

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ނަންތައް އަލުން ތަރުތީބުކޮށް، މިއަދު އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގެ ރިޔާސަތުގައި މިއަދު އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ނަންތައް އިއުލާނުކޮށްފައެވެ. އެގޮތުން، ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބަކީ:

  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
  2. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް ސިޔާމް ވަނީ މެދުނުކެނޑި 18 އަހަރު ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ 14 އަހަރު މެންބަރުކަން ކުރައްވައިފައެވެ. ދެން ތިއްބެވި މެންބަރުން ވެސް މެންބަރުކަން ކުރައްވާފައިވަނީ 14 އަހަރުގެ މުއްދަތަކަށެވެ.

މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާ ބުނާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުވާތާ ދެ ހަފުތާ ތެރޭގައި ކަނޑައަޅަން ޖެހެއެވެ. އަދި، އެ މެންބަރުން ކަނޑައެޅުމަށް ފަހުގައި ތަޅުމަށް އިއުލާނު ކުރަން ޖެހެއެވެ.

އެ މާއްދާގެ ނ ގައި ވާގޮތުން، މެންބަރުން ތަރުތީބު ކުރުމުގައި މެންބަރުކަން ކުރި މުއްދަތަށް އިސްކަން ދޭން ޖެހޭނެއެވެ. އަދި، ދެ މެންބަރަކު އެއް މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ހާލަތުގައި އުމުރުގެ ދޮށީ ކަމަށް އިސްކަން ދެން ވާނެ ކަމަށެވެ.

comment ކޮމެންޓް