އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އިސްރާއީލުގެ ވަޒަންވެރިންނަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
މިއީ ފަލަސްތީނުގައި ވަޒަންވެރިވެފައިވާ އިސްރާއީލު މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް އެމެރިކާއިން އާންމުކޮށް ބުނި ފުރަތަމަ ފަހަރެވެ.
"ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަރުކަށި އަނިޔާވެރިކަން ހުއްޓާލަން ޖެހޭ. އަދި އެފަދަ މީހުން ޖަވާބުދާރީވާން ކުރުވަންޖެހޭ." ބައިޑެން ވިދާޅުވި ކަމަށް ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި ލިޔުމަކާ ހަވާލާދީ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކޮންމެ ފަހަރަކުވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތަކާ މެދު ބައިޑެން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.
އިސްރާއީލަށް އެމެރިކާއިން ހަތިޔާރު ވިއްކީވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ހަމަލާތައް އަމާޒުނުކުރާނެ ކަމުގެ ޔަގީންކަން އިސްރާއީލުން ދިނުމުން ކަމަށް އެކްސިއޯސް ނޫހުން މީގެކުރިން ރިޕޯޓުކޮށްފައިވެއެވެ.
ހަނގުރާމަ ނިމުމުން ޣައްޒާއާއި ހުޅަނގު އައްސޭރި ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ގެ ދަށުން އެއް ދައުލަތަކަށް ހަދައި "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކަށް މަސައްކަތްކުރާނެ ކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިފަހަކަށްއައިސް ނަތަންޔާހޫ ދައްކަވާ ވާހަކަފުޅުގައި ފާހަގަކުރައްވާ ގޮތުގައި ހަނގުރާމަ ނިމުމުން ފަލަސްތީނުގެ ވެރިކަން ކުރާނީ އިސްރާއީލުންނެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށިފަހުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށްވެސް އިސްރާއީލު އަސްކަރިއްޔާއާއި އިސްރާއީލުގެ ވަޒަންވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ. އަދި މިހާތަނަށް ހުޅަނގު އައްސޭރިން ކުޑަކުއްޖަކު ހިމެނޭހެން އަށް މީހަކު މަރާލާފައިވާއިރު، 70 ށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އޮފީހުން ހާމަކޮށްފައިވާ ގޮތުން އިސްރާއީލުގެ ވަޒަންވެރިންގެ 251 އަށް ވުރެ ގިނަ ހަމަލާ ވަނީ ރެކޯޑުކޮށްފައިވެއެވެ.