ޕީޖީއިން އެދިގެން ނާޒިމް ސައްތާރުގެ މައްސަލަ ހައިކޯޓުން ބާތިލުކޮށްފި

ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރާ މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެދިގެން މިއަދު ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެ މައްސަލަ ބާތިލުކޮށްފައި ވަނީ ދަށު ކޯޓުން ކުރި ހުކުމް، ހައި ކޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.

އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރުމަށް އެދިފައި ވަނީ ވެސް ޕީޖީންނެވެ.

އެ މައްސަލަ ބާތިލު ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހައި ކޯޓުގައި ބުނީ ދަށު ކޯޓަށް ނާޒިމްގެ މައްސަލައިގައި ހުށަހެޅި ދައުވާގައި ބަޔާންކުރާ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ނިސްބަތުން ކުޑަ އަދަބެއް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފު ކުރި ފަހުން ހޭދަވެފައިވާ މުއްދަށް ބަލާއިރު، ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ނާޒިމް މިހާރު ހުކުމް ތަންފީޒުކޮށް ނިންމާފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަދި ނާޒިމް ހުކުމް ތަންފީޒުކޮށް މިހާރު ނިންމާފައި ވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިހާރު ނެތް ކަމަށް ޕީޖީން ބުނެފައިވެއެވެ. އެ މައްސަލަ ބާތިލުކޮށްފައިވަނީ ހައި ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުލަތުން ވަނީ ޒިންމާދާރު މަގާމުތަކެއްގައި ތިބި އެތައް ބައެއްގެ މައްޗަށް ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ހިމެނޭ ގިނަ ބައެއްގެ ވީޑިއޯ ވެސް އޭރު ލީކުކޮށްލައިފައިވެއެވެ.

އޭގެ ތެރޭގައި ނާޒިމް ވެސް ހިމެނޭއިރު އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، ތައުބާވުމުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ހުކުމްކުރީ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އެއަށްފަހު އޭނާ މިނިވަންވީ މި އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ.

comment ކޮމެންޓް