ކުޅުދުއްފުށިން ގެއްލުނު މީހާ 14 ދުވަސް ފަހުން މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދި އަބްދުﷲ އިބްރާހީމް

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭންގި ގެއްލިގެން ހޯދަމުން ދިޔަ، ކުޅުދުއްފުއްޓަށް ނިސްބަތްވާ 39 އަހަރުގެ އަބްދުﷲ އިބްރާހީމް 14 ދުވަސް ފަހުން ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދި މީހާ، މި މަހު 16 ވަނަ ދުވަހު އޭނާގެ އާއިލާއަށް ގުޅައި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި، އޭނާ މިހާރު ހުރީ މާލޭގައި ކަމަށް ވެސް އޭނާގެ އާއިލާ ގާތު ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަބްދުﷲ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓުކުރީ މި މަހު ތިންވަނަ ދުވަހުއެވެ. އޭގެ 14 ދުވަސް ފަހުން އާއިލާއަށް އޭނާ ގުޅާފައިވަނީ މި މަހު 16 ގައެވެ.

ގެއްލުނު މީހާގެ އާއިލާއިން ކުރިން މައުލުމާތު ދިން ގޮތުގައި، އޭނާ އާއިލާއަށް ޚަބަރުވުމުގެ ކުރިން، މާލެއާއި ކުޅުދުއްފުއްޓާއި ދެމެދު ދުއްވާ ސީކުއީން ބޯޓުން މާލެ ދިޔައެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެ މީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް