މޮރިޝަސް ބަލިކޮށް ކެމަރޫނުން ފެށުން ރަނގަޅުކޮށްފި

ކެމެރޫނުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފައި -- ފޮޓޯ/ ސްޕޯޓްސް ބްރީފް

އެފްރިކާ ސަރަހައްދުގައި މިހާރު ކުޅެމުންދާ ވާރލްޑް ކަޕް ކޮލިފައިން ހްރޫޕް ޑީގައި ކެމެރޫން އާއި މޮރިޝަސް ބައްދަލުކުރިމެޗު ކެމެރޫން ކާމިޔާބުކޮށް އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ކެމެރޫންގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކެމެރޫންއިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތާ ހަމައަށް މޮރިޝަސްއިން ވަނީ ކެމެރޫނަށް މި މެޗުގައި ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ.

މެޗުގައި ކެމެރޫންގެ ފުރަތަމަ ލަނޑު ޖަހާ އެ ޓީމުން ލީޑު ނަގައިފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރަޔަން އެމްބެއުމޯއެވެ. އަދި، ދެވަނަ ހާފުގައި ވެސް މޮރިޝަސްއިން ވަނީ ފުރަތަމަ ހާފް އެކޭ އެއްގޮތަށް ކެމެރޫންގެ ކުޅުންތެރިންނަށް ލަނޑެއް ޖެހުނަނުދީ ވަރަށް ގިނަ އިރު ހިފަހައްޓާފައެވެ. މިގޮތުން ކެމެރޫނަށް އެ ޓީމުގެ ލީޑު ފުޅާކުރެވޭވަރުވީ މެޗުގެ 87 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޖެސް ކެވިން އެން ކޯޑޫއެވެ. އަދި، ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖަހައިދިނީ ފްރޭންކް މަގްރީއެވެ.

މި ކާމީޔާބީއާ އެކު ކެމެރޫނުން ވަނީ ހަ ޓީމު ހިމެނޭ ގްރޫޕް ޑީގައި އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފައެވެ. އަދި، މި މެޗުން ބަލިވުމުން މޮރިޝަސް މި ވަގުތު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. މި ގްރޫޕްގައި ލީބިއާ އާއި އެސްވަޓީނީ ބައްދަލުކުރި މެޗު އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ލީބިއާއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އެންގޯލާ އާއި ކޭޕް ވާޑޭއެވެ. މި ދެޓީމު އަދި މެޗެއް ނުކުޅެއެވެ.

comment ކޮމެންޓް