ރިޒޭގެ ހެޓްރިކާއެކު ޔޫވީ އަތުން އީގަލްސްއަށް ފަސޭހަ މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި މީގެ ކުރިން ކުޅުނު މެޗެއްގައި ބުރު ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށްފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާއެކު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކްލަބު އީގަލްސްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ދުވަސްތަކަކަށް ލީގު މެދުކަނޑާލުމަށްފަހު އިއްޔެ ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ލީގު މެޗުގައި ޔޫވީގެ މައްޗަށް އީގަލްސް އިން ކުރި ހޯދީ 8-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ. އީގަލްސްއަށް އެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ރިޒޭއެވެ. އޭނާގެ ފުރަތަމަ ގޯލު މެޗުގެ ހަތަރުވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭގައި ރިޒޭ ވަނީ އީގަލްސްއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ 15 މިނެޓުގެ ތެރޭގައި ވެސް އީގަލްސްގެ ދެ ގޯލެއް ފެނިގެންދިޔައެވެ. އެއީ މެޗުގެ 56 ވަނަ މިނެޓުގައި އިސްމާއީލް އީސާ ކާމިޔާބުކޮށްދިން ގޯލާއި މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ޕެޓްރޮވިޗް މިލޮވާން ކާމިޔާބުކޮށްދިން ގޯލެވެ.

މެޗުގެ 71 ވަނަ މިނެޓުގައި އަބްދުﷲ ޒުހާން އީގަލްސްގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އޭގެ ހަތް މިނެޓު ފަހުން އެޓީމުގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ. މެޗުގައި ޔޫވީން ޖެހި ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ. އަދި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އީގަލްސްގެ އަށްވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ރޭ ކުޅެން އޮތް މެޗު އެޓީމަށް ވަނީ ލިބިފައެވެ. އެ މެޗު މާޒިޔާއަށް ލިބިފައިވަނީ އިދިކޮޅުން ނުކުންނަން އޮތް ކްލަބު ވެލެންސިއާ އިން ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅެން ނިންމުމާ ގުޅިގެންނެވެ.

ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރީގައި ވެސް މިވަގުތު އޮތީ އީގަލްސް އާއި މާޒިޔާއެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އީގަލްސް އާއި ދެވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް އީގަލްސް އިން ވަނީ މާޒިޔާއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހުގެ ހަވީރު 4:00ގައި އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، އެރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޔޫވީއެވެ.

comment ކޮމެންޓް