ސަރުކާރުން ރާވައިގެން ފުޓުބޯޅައަށް ގެއްލުން ދިން: ބައްސާމް

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސަރުކާރާ ދެމެދު މައްސަލަތަކެއް ޖެހުމާ ގުޅިގެން ރާވައިގެން ފުޓުބޯޅައަށް ގެއްލުންތަކެއް ދީފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ތުހުމަތުކުރައްވައިފިއެވެ.

ފަހަކަށް އައިސް ދިވެހި ފުޓުބޯޅައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ގައުމީ ފުޓުބޯޅަ ޓީމާއި ދިވެހި ކްލަބުތަކުގެ ނަތީޖާތަކަށް ވެސް ވަނީ އެކަމުގެ އަސަރުކޮށްފައެވެ. އަދި ދިވެހި ޕްރިމިއާ ލީގާއި ބައެއް އެހެން މުބާރާތްތައް ވެސް ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ ހުއްޓާލަން ޖެހިފައެވެ. އެކަމުގެ ތެރެއިން އެފްއޭއެމަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވިފައެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެ އިދާރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށާއި ކުރިން ސަރުކާރު މެދުވެރިކޮށް ކުންފުނިތަކުން ކްލަބުތަކަށް ދެމުންދިޔަ ސްޕޮންސާޝިޕްތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެފްއޭއެމުން ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޑިވެލޮޕްމަންޓް މަސައްކަތްތަކަށް ވެސް މީގެ ދަތިތައް ކުރަމުންދިޔަ. އަޅުގަނޑުމެންގެ ފަންޑިން މި ހުންނަނީ ފީފާ، އޭއެފްސީ އަދި އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނަ މެދު އިރުމަތީގެ އެކިއެކި އެސޯސިއޭޝަންތަކުން. އޭގެ ކުރިން އަޅުގަނޑުމެންނަށް ރާއްޖެއިން ވަރަށް ގިނަ ސްޕޮންސާޝިޕް ލިބިގެންދިޔަ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ދިޔައީ ހުއްޓިގެން. އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ ސަރުކާރުގެ ތެރެއިން ބައެއް ކުންފުނިތަކަށް އަންގައި، އެފްއޭއެމަށް ސްޕޮންސާ ނުދިނުމަށް އެދި ރިކުއެސްޓް ވެސް ކޮށްފައިވާކަން. މިއީ ކަނޑައެޅިގެން އޭރު އަޅުގަނޑުމެންނާއި ކުޅިވަރު ވުޒާރާގެ ވަޒީރާ ޖެހުނު މައްސަލަތަކެއްގައި ރޭވިގެން ފުޓުބޯޅައަށް ދީފައި އޮތް ވަރަށް ބޮޑު ގެއްލުމެއް. އެ އުނދަގުލުގެ ތެރޭގައި އަޅުގަނޑުމެން މި ހަތަރު އަހަރު ތަހައްމަލުކުރީ،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގައި 2021ގެ ސާފް ޗެމްޕިއަންޝިޕް ބޭއްވީ ސަރުކާރާ މަޝްވަރާކުރެވިގެން, ހުރިހާ ހަރަދެއް ސަރުކާރުން ކުރާ ގޮތަށް ކަމަށާއި ނަމަވެސް އެފްއޭއެމުން ހުށަހެޅި ބަޖެޓު ލިބުމުގައި ވަރަށް ބޮޑަށް ލަސްވެގެންދިއުމުން އެކަމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހުނީ ޓީމުތަކުގެ ކުޅުންތެރިންގެ އެކޮމޮޑޭޝަނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށަހެޅި ބަޖެޓަކީ 22 މިލިއަން ރުފިޔާގެ ބަޖެޓެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ބަޖެޓު ލިބުނު އިރުގައި އެކޮމޮޑޭޝަން އެކަނި އަރައިގެން ހިނގައްޖެ 18 މިލިއަން ރުފިޔާއަށް. އެހެންވީމާ އަޅުގަނޑުމެން ބާކީ ހުރި ހުރިހާ ކަމެއް ކުރަން ޖެހުނީ އެކި ގޮތްގޮތަށް ފައިސާ ހޯދައިގެން. އަޅުގަނޑުމެންނަށް ސަރުކާރު ތެރެއިން މައުލޫމާތުދިނީ އިތުރަށް ދިޔަ ހަރަދު ފޫބައްދައިދޭނެ ކަމަށް. އެހެންނަމަވެސް މިއަދާ ހަމައަށް މި ސަރުކާރުގެ ދައުރު ނިމިގެންދާ އިރުގައި، އެކަންވެސް ނުވޭ. އެހެންވީމާ މިކަހަލަ ބައިވަރު ދަތިތަކާ ކުރިމަތިލާން ޖެހިގެން މި ދައުރުގައި މިހާ އުނދަގޫކޮށް މިދިޔައީ،" އޭނާ ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމަށް ލިބޭ އެއްވެސް ފައިސާއެއް އޭނާގެ އަމިއްލަ އެކައުންޓަށް ވަދެފައެއް ނުހުންނާނެ ކަމަށާއި ފީފާ އާއި އޭއެފްސީން ދޭ ފައިސާއަކީ އެ އިދާރާތަކުން ގަވާއިދުން އޮޑިޓްކުރާ ފައިސާތަކެއް ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ ޖޫން މަހު ފީފާ އާއި އޭއެފްސީން ހެދި އޮޑިޓްތަކުން ވެސް އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން އެފްއޭއެމް ހައުސްއަށް ފުލުހުން ވަދެ، ތަހުގީގަށް ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ. އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށް ޕީޖީން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް