ކޮންމެވެސް ބަހަނާއެއް ދައްކާފައި ދަރިވަރު ފާޚާނާއަށް ދަނީއެވެ. އޭނާ ނިކުމެގެން ދާއިރު، ކުރިމަތީ ހުންނަ ކުލާސްތަކުން އެ ވަގުތު އޭނާއާއެކީގައި ދާންޖެހޭ ކުއްޖާއަށް އިޝާރާތެއްކޮށްލައެވެ. އެ އިޝާރާތް ލިބުނު ކުއްޖާގެ "ޓާން" ޖެހުނީއެވެ. އެއާއެކު އެކުދީން ނިކުމެގެންދާއިރު އެއްފަހަރާ ތިންހަތަރު ކުދީންގެ ގުރޫޕެއް ފާޚާނާއަށް ދެއެވެ. އެކުދީން އެތަނަށް ގޮސް އެކުރަނީ ކީއްކަން އެނގޭހެއްޔެވެ؟
އެ ހުރިހައި ކުދީންވެގެން ވޭޕް ބޮނީއެވެ. ހިލެޔަކުނޫނެވެ. ވިޔަފާރި އުސޫލުންނެވެ. އެއީ މަދަރުސާކުދީން މިފަހަކަށް އައިސް ކުރާ ވަރުގަދަ ވިޔަފާރިއެކެވެ. ވޭޕު ގެންދާ ކުދީން މަދަރުސާއަށް ގޮސް އެ ވިޔަފާރި ހިންގާނެގޮތް ކުރީން އޮންނަނީ ރާވާފައެވެ. އެ މުޢާމަލާތްތައް ހިންގުމަށް ޢާއްމުކޮށް ބޭނުންކުރަނީ ޑިސްކޯޑާއި ވައިބަރެވެ. އަދި ބައްދަލުވާ ވަގުތުތަކުގައިވެސް އެކަންކަން ރާވާ ހަދާކަމަށްވެއެވެ.
ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން މިރާއްޖޭގެ މަދަރުސާތަކުގައިވެސް ވޭޕު ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމުގެ މައްސަލަ ބޮޑުވަމުން އެބަދެއެވެ. މަތީ ގުރޭޑުތަކުގެ ދަރިވަރުންގެ އިތުރުން، ގުރޭޑު ހައެއް ހަތެއްގެ ދަރިވަރުންވެސް އެކަން އެބަ ކުރެއެވެ. ބޭރު ދުނިޔޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މަދަރުސާކުދިންގެމެދުގައި ވޭޕުކުރުމުގެ މައްސަލަ އިތުރުވާން މެދުވެރިވާ އެއްސަބަބަކީ އެއީ "ކޫލް" ކަމެއްކަމަށް ދަރިވަރުން ދެކުމެވެ. އަދި މީހުންނަށް އެންމެ ކަމުދާނޭފަދަ ތަފާތު ރަހަ (ފްލޭވާ) ތަކުގައި އެ ލިބެންހުރުމާއި، ޒުވާނުންނާއި ކުޑަކުދީން ގަޔާވާނެހެން، ވޭޕުކުރުމަށް ބޭނުންކުރާ އާލާތް ހަދާފައި ހުރުމަކީވެސް އެއަށް ހިތްޖެހޭ ސަބަބުތަކެވެ. ކޫލް ކަމެއްކަމުގައި ދެކިގެން އެކަން ކުރިޔަސް، ވޭޕުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ މައްސަތަކެއް އުފަންވެއެވެ. މީގެތެރޭގައި ޞިއްޙީގޮތުން ލިބޭ ގެއްލުންތަކާއި، އުނގެނުމަށް ހުރަސް އެޅުމާއި، މާލީ އަދި އަޚުލާޤީގޮތުން ކުރިމަތިވާ ގެއްލުންތައް ހިމެނެއެވެ.
ވޭޕާއި އީ-ސިނގިރޭޓަކީ ޢާއްމުކޮށް ބޭނުންކުރާ (ޓްރެޑިޝަނަލް) ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއްކަމަށް ދެކުނަސް، ދިރާސާތަކުން ދައްކަނީ މީގެ އިދިކޮޅެވެ. ޔުނިވާސިޓީ އޮފް ނޯތު ކެރޮލައިނާގެ ދިރާސާއަކުން ދައްކާ ގޮތުގައި އީ-ސިނގިރޭޓުގައި ހިމެނޭ ޕްރައިމަރީ ދެ މާއްދާ ކަމަށްވާ ޕްރޮޕައިލީން ގްލައިކޮލް އާއި ވެޖިޓޭބަލް ގްލިސެރިން އަކީ ހަށިގަނޑުގައިވާ ސެލްތަކަށް ގެއްލުންދޭ ވިހަ މާއްދާތަކެކެވެ. މީގެއިތުރުންވެސް ނުރައްކާތެރި ގިނަ ކެމިކަލްތަކެއް އީ-ސިނގިރޭޓުން އުފައްދައެވެ. އޭގެތެރޭގައި ހިމެނޭ އެސިޓަލްޑީހައިޑް، އެކްރޮލީން އަދި ފޯމަލްޑައިޑް އަކީ އޭގެ ސަބަބުން ކެންސަރާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ކާޑިއޯ ވެސްކިއުލަރ (ހިތުގެ) ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ކެމިކަލްތަކެވެ. އީ-ސިނގިރޭޓާއި ވޭޕުގައި ހިމެނޭ ނިކޮޓިން އަކީ އެއަށް ދެވިހިފުމުގެ ބާރު ވަރަށް ބޮޑަށް އެކުލެވިގެންވާ ނުރައްކާތެރި މާއްދާއެކެވެ. މިއީ ސިކުނޑި ތަރައްޤީވުމަށް ނޭދެވޭ އަސަރުކުރުވާ އަދި ޚާއްޞަގޮތެއްގައި، ހެދިބޮޑުވަމުން އަންނަ ކުދީންނަށާއި ޒުވާނުންގެ ޞިއްޙަތަށް ގެއްލުން ބޮޑު މާއްދާއެކެވެ. ވޭޕުކުރުމަކީ ދުންފަތުގެ އިސްތިޢުމާލުގެތެރޭގައި ހިމެނޭ އެހެނިހެން ގޮތްތަކަށް މީހާ ހުށަހެޅިގެންދާ ކަމެއްވެސްމެއެވެ. އަދި މީގެތެރެއިންލާފައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހޭމީހުން އުޅޭކަންވެސް ހޯދިފައިވެއެވެ.
ޞިއްޙީގޮތުން ކުރިމަތިވާ ނުރައްކާތަކުގެ އިތުރުން، ވޭޕު ކުރުމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ވޭޕުކުރާ ދަރިވަރުންގެ މެދުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ސަމާލުކަން ދޭން ދަތިވުމާއި، ކޮގްނިޓިވް ފަންކްޝަން ދަށްވުމާއި އަދި، ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ވޭޕުގެ ސަބަބުން ބޮޑުވެއެވެ. ކިޔަވާ ކުދީންނަށް މިއަށްވުރެ ވަކީން ބޮޑެތި ގެއްލުންތަކެއް ހުންނާނެހެއްޔެވެ؟
ޢާއްމުކޮށް ބަލާއިރު ދުންފަތުގެ ބާވަތްތަކަކީ އަގު ބޮޑު އެއްޗެކެވެ. އެ ބޭނުންކުރަން ފެށުމުން ކިތަންމެ އަގު ބޮޑަސް ކޮންމެ ގޮތެއް ހަދާފައިނަމަވެސް އެތަކެތި ހޯދަން ބޭނުންވެއެވެ. ވޭޕު ހޯދުމަށްޓަކައި މަދަރުސާކުދިން ތަފާތު މަގުތައް ބޭނުންކުރެއެވެ. އެގޮތުން، އިންޓޯލު ގަތުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށްޓަކައި ބެލެނިވެރިޔާ ދޭ ފައިސާއަށް ވޭޕު ގަތުމާއި، އެހެން ދަރިވަރުން ގެންދާ ފައިސާ "އަތުލައިގެން" އެއަށް ވޭޕު ގަތުމާއި އަދި ބައެއް ޙާލަތްތަކުގައި ސިއްރު މަގުތަކުން ފައިސާ ހޯދައިގެން އެތަކެތި ގަތުން ހިމެނެއެވެ. ވޭޕު ގަންނަން ބޭނުންވާ ފައިސާގެ މައްސަލައިގައި ދަރިވަރުންގެ މެދުގައި ޒުވާބުކޮށް މާރާމާރީ ހިނގަން މެދުވެރިވާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އިންޒާރު ދިނުމާއި ހުތުރު ބަހުން ވާހަކަ ދައްކައި، މުދައްރިސުންގެ ކުރިމަތީގައިވެސް ނުބައި އަޚުލާޤު ދައްކަމުން ދެއެވެ. މިއީ ބޭރު ޤައުމެއްގެ މަދަރުސާތަކުގެ ވާހަކައެއްނޫނެވެ. މިރާއްޖޭގެ މަދަރުސާތަކުގައި ހިނގަމުންދާ ކަންކަމުގެ ވާހަކައެވެ.
ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، މަދަރުސާކުދީން ވޭޕުކުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، ސަރުކާރުގެ ގުޅުން ހުރި އިދާރާތަކާއި، މަދަރުސާއާއި ބެލެނިވެރިންނާއި އަދި މިނޫންވެސް ކަމާ ގުޅުންހުރި އެންމެން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާންޖެހެއެވެ. އެގޮތުން، ވޭޕުކުރުމުން ލިބޭ ގެއްލުންތަކާމެދު ހޭލުންތެރިކުރުވުމާއި، މަދަރުސާގައި ވޭޕު ގެންގުޅޭނަމަ އެކަށީގެންވާ ފިޔަވަޅު އެޅުންފަދަ ކަންކަން ކުރެވިދާނެއެވެ. މީގެއިތުރުން، ގޭތެރޭގެ މާޙައުލަކީ ދުންފަތުގެ އިސްތިޢުމާލުން ސަލާމަތްވެފައިވާ ތަނެއްކަމަށް ހެދުމަކީ އެ ނުބައި ޢަމަލުން ދަރީން ރައްކާތެރިކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، މަދަރުސާއަށް ދަރިފުޅު ލާށާއި ބަލާ އަންނައިރު ބައްޕަ ނުވަތަ އެނޫންވެސް ދަރިވަރުންނާއެކު ތިބޭ ފިރިހެނުން ސިނގިރޭޓު ނުވަތަ ވޭޕު ބޭނުންކުރުން ޢާއްމެވެ. ޝައްކެއްނެތްގޮތުގައި އެއީ ދަރިވަރުންނަށް ދައްކައިދޭ ނުބައި ނަމޫނާއެކެވެ. އެއީ ދަރިވަރުންނަށް އެނުބައި ޢަމަލުގެ ބިންގާ އަޅައިދިނުމެވެ.
އިންޓޯލާއި އެހެނިހެން ކަންކަމަށް ދަރިވަރުންނަށް ދޭ ފައިސާއަށް ގަންނަނީ ކޮންއެއްޗެއްތޯ ބެލުމަކީވެސް ކުރާންޖެހޭނެ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ކިރިޔާވެސް ވާންއޮތްނަމަ ދަރިވަރުގެ އަތަށް ފައިސާ ނުދިނުމެވެ. ދަރީންގެ އަތަށް ގިނަ ފައިސާ ދިނުމަށްފަހު އެ ފައިސާއަށް ހަދަނީ ކިހިނެއްތޯ އެއްގޮތަކަށް ބަލައިނުލާ ބެލެނިވެރީންވެސް އުޅޭކަމަށްވެއެވެ. އެކަން އެނގެނީ އެފަދަ ބައެއް ބެލެނިވެރީން "އެމީހުންގެ ދަރީންދެކެ ވާ ލޯބި" ހާމަކޮށް މަދަރުސާގައި އެގޮތަށް ބުނެފައިވާތީއެވެ. ހަމަމިއާއެކު، ދަރިވަރުން ވޭޕާއި ދުންފަތުގެ އިސްތިޢުމާލަށް ހުށަހެޅޭ ސަބަބުތައް ހޯދައި އެކަންކަމާމެދު އެކަށީގެންވާ ފިޔަވަޅުތައް އެޅުންވެސް މުހިއްމެވެ.
ވޭޕާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުން ލިބޭ ގެއްލުންތައް އެހައި ގިނައިރު، މަދަރުސާ ކުދީންގެތެރޭގައި މި ނުބައި އާދަ ފެތުރި އަތްނުފޯރާފަށަށް ނުދަނީސް މިކަމާމެދު އަވަސް ފިޔަވަޅުތަކެއް އަޅާންޖެހެއެވެ. މިއީ ޤައުމީ ފެންވަރުގައި ސަމާލުކަން ދެވޭ މުހިއްމު މައްސަލައެއްގެގޮތުގައި ސަރުކާރުންވެސް ދެކޭން ޖެހެއެވެ. މަދަރުސާއަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްވުމަށްޓަކައި، ޢާއްމުކޮށް މިފަދަ ކަންކަމުގެ މަޢުލޫމާތު ސިއްރުކުރަން މަސައްކަތް ކުރިނަމަވެސް، މިއީ ނުވާކަމަކަށް ހަދައިގެން ތިބެވޭވަރަށްވުރެ ސީރިޔަސްކަން ބޮޑު މައްސަލައެކެވެ!