އެމެރިކާއާއި ޗައިނާއިން އަސްކަރީ މުއާމަލާތްތައް އަލުން ފެށުމަށް އެއްބަސްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން. ފޮޓޯ/އެމެރިކާ އެމްބަސީ

ގުޅުން ގޯސްވެފައިވާ އެމެރިކާއާއި ޗައިނާގެ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން އަސްކަރީ މުއާމަލާތްތައް އަލުން ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ދެ ގައުމުން މި ގޮތަށް އެއްބަސްވެފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު ކެލިފޯނިއާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މިއީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އަސްކަރީ މުވާސަލާތުތައް ގާއިމް ކުރުމުގެ އިތުރުން ދެ ބޭފުޅުންގެ މެދުގައި ސީދާ ވާހަކަ ދެކެވޭނެ ގޮތްވެސް ގާއިމު ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ބައިޑެން ވަނީ ފާހަގަ ކުރައްވާފައެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ، 'އެކްސިޑެންޓް" ތައް ހިނގަނީ ރަނގަޅަށް ދެ ގައުމަށް މުއާމަލާތު ނުކުރެވޭތީ ކަމަށެވެ. ނަމަވެސް މިހާރު ދެ ރައީސުންނަށްވެސް ސީދާ މުއާމަލާތް ކުރެވޭނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ ދެ ގައުމުގެ ދެމެދުގައި މިހާތަނަށް ދެކެވުނު އެންމެ ބިނާކުރަނިވި ވާހަކަތައް ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ދެ ގައުމުގެ މެދުގައި ކުރި އަސްކަރީ މުއާމަލާތްތައް ހީނަރުވެ މެދުކަނޑާލީ އޭރުގެ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ ރައީސާ ނެންސީ ޕެލޯސީ އެމެރިކާގެ މިދިޔަ އަހަރު ޓައިވާނަށް ވަޑައިގަތުމުންނެވެ. އަމިއްލަ ވެރިކަމެއްކުރާ ޓައިވާނަކީ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ބެއިޖިންއިން ދެކޭއިރު، ކޮންމެހެން ކުރަން ޖެހިއްޖެނަމަ ގަދަކަމުންވެސް ޓައިވާނަކީ ޗައިނާގެ ބައެއް ގޮތުގައި ބާއްވާނެ ކަމަށް ޗައިނާއިން ވަނީ އިންޒާރުވެސްދީފައެވެ.

އަސްކަރީ މުއާމަލާތްތައް އަލުން ފެށުމަށް އެއްބަސްވުމުގެ އިތުރުން އެމެރިކާއަށް ފެންޓަނީލް ޑްރަގް އެތެރެވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމާގުޅިގެން އެއްބަސްވުމަކަށްވެސް އައިސްފައެވެ. ޗައިނާގައި އުފައްދާ ފެންޓަނީލް ޑްރަގްގެ ސަބަބުން އެމެރިކާގައި އޯވަޑޯޒްވެގެން މަރުވާ މީހުން ވަނީ އިތުރުވެފައެވެ.

ޗައިނާއާއެކު ހެދި މި އެއްބަސްވުމުގެ ދަށުން އެ ޑްރަގް އުފެއްދުމަށް ބޭނުންވާ ކެމިކަލް އުފައްދަމުން އަންނަ ކުންފުނިތަކަށް ޗައިނާ ސަރުކާރުން ފިޔަވަޅު އަޅާނެއެވެ.

މި ކަންތައްތަކުގެ އިތުރުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިސްރާއީލާއި ޣައްޒާގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން އީރާނާއެކު ޗައިނާއިން ބާއްވާ ގާތް ގުޅުމުގެ ތެރެއިން ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދާނެ ގޮތަކަށް ކަންތައް ނުކުރުމަށް އީރާނަށް ބާރުއެޅުމަށް ޝީގެ އަރިހުގައި ބައިޑެން ވަނީ އެދިވަޑައިގެންފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް ސިނާއަތާއި އެމެރިކާ އާއި ޗައިނާއާ މެދު އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އޮތް ޓައިވާނު މައްސަލައާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކުރެއްވިއެވެ.

އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އެޕެކް) ސަމިޓުގެ ހަވާސާގައި ބޭއްވެވި ބައްދަލުވުމަކީ ވަރަށް ބޮޑަށް އުންމީދުކުރި ބައްދަލުވުމެއް ނަމަވެސް، ބައްދަލުވުމުން މާބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް ދެ ފަރާތުގެ އޮފިޝަލުންވެސް ވަނީ ބުނެފައެވެ.

ދެ ބޭފުޅުން މިގޮތަށް ބައްދަލުކުރެއްވި ނަމަވެސް އެމެރިކާއާއި ޗައިނާގެ ގުޅުން އަދިވެސް ރަނގަޅެއް ނޫނެވެ. ޝީ އަކީ ހުދުމުހުތާރު ވެރިއެއް ކަމަށް ބައިޑެން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހީނަރުވެފައިވާ އެމެރިކާއާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވީ ފެބްރުއަރީ މަހު އެމެރިކާގެ ވައިގެ ސަރަހައްދަށް ޗައިނާއިން ދޫކުރި ފުއްޕާހަންތަކެއްގެ މައްސަލައިގައެވެ. އެމެރިކާއިން ތުހުމުތު ކުރާ ގޮތުގައި އެ ފުއްޕާހަންތަކަކީ ޗައިނާއިން ދޫކުރި ޖާސޫސީ ފުއްޕާހަންތަކެކެވެ. ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޝީ އާ ބައިޑެން ބައްދަލުކުރެއްވިއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވަނީ ޖޫން މަހު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ބައިގަރުނަށްފަހު އެމެރިކާގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު ޗައިނާއަށް ދަތުރުފުޅެއްކުރެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް