ޓޫރިޒަމް އަމާޒަށް ވާސިލުވާން ބާކީ 300،000 އެއްހާ ފަތުރުވެރިން

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އަހަރުގެ ޓޫރިޒަމް އަމާޒަށް ވާސިލުވާން ބޭނުންވަނީ 300،000 އެއްހާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މިހާތަނަށް ރާއްޖެ އައީ 73،163 ފަތުރުވެރިންނެވެ. އެއާއަޅާބަލާއިރު މި މަހު 80،193 ފަތުރުވެރިން ޒިޔާރަތްކޮށްފާވާއިރު، އެއީ 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އަންނަނީ ރަޝިއާއިންނެވެ. އެގައުމުން 183،771 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރު އެމަގާމުގައި އޮތް އިންޑިއާއިން އައިސްފައިވަނީ 172،774 ފަތުރުވެރިންނެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައިސްވަފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީ ހިމެނެއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1278 ތަނެއްގައި 63،767 އެނދު މިހާރު އެބަ ހިންގައެވެ. އޭގެ ތެރެއިން ބޮޑު ޕަސެންޓަކީ ރިސޯޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 1.9 މިލިއަނަށް މަތިކުރައްވާފައެވެ.

comment ކޮމެންޓް