ޑެންގީ ހުން އަނެއްކާ ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މިދިޔަ މަހުގައި، ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގައި ޑެންގީ ހުމުގެ 288 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ މަހު މި ބަލީގެ 305 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިއީ ދެގުނަ ކުޑަ އަދަދެކެވެ.
އެޗްޕީއޭއިން ވަނީ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ފާހަގަކޮށްފައެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް؛
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން
- ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން. (މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް)
- ހުސް ފުޅ/ިދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން.
އެޗްޕީއޭއިން ވަނީ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން ހިމެނެއެވެ. ފައިދާ ހުރި ދިޔާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުރުބާ ފެން، ލޮނު ޕެކެޓް އަދި ސޫޕް ފަދަ ތަކެއްޗެވެ.
މީގެ އިތުރުން ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.