ވޯލްޑު ކަޕުގެ ފައިނަލުން އިންޑިއާ ޖާގަ ހޯދައިފި

ވިރާތު ކޯލީ ވަނީ މި މެޗުގައި ސެންޗަރީއެއް ހަދައި އާ ރިކޯޑެއް ގާއިމު ކޮށްފައި --- ފޮޓޯ/ ދި ޓެލެގްރާފް

ވިރާތު ކޯލީގެ ރިކޯޑާއި މުހަންމަދު ޝާމީގެ މޮޅު އުކުމާ އެކު އައިސީސީ ކްރިކެޓް ވޯލްޑު ކަޕުގެ ފައިނަލުން މުބާރާތް ބާއްވާ ޤައުމު އިންޑިއާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން އިންޑިއާ ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއުޒީލަންޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. މުންބާއީގައި ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ 70 ލަނޑުންނެވެ.

ވަންހެދޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ އެންމެ ފުރަތަމަ ބެޓު ކުރާށެވެ.

އެ ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 397 ލަނޑު ހެދިއެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 117 ލަނޑު ހަދައިދިން ކޯލީއެވެ. މި ސައްތައާ އެކު ކޯލީ ވަނީ އެއް ދުވަހުގެ ބައިނަލްއަޤްވާމީ ކްރިކެޓްގައި 50 ވަނަ ސެންޗަރީ ހަމަކޮށް އާ ރިކޯޑެއް ގާއިމުކޮށްފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ހެދި ތިންވަނަ ސެންޗަރީއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ ވިރާތުއެވެ.

މެޗުގައި ޝްރެޔާސް އަޔަރު 105 ލަނޑު ހަދައިދިން އިރު ޝުބްމަން ގިލް ވަނި ނުބައިނުވެ، 80 ލަނޑު ހަދައިދީފައެވެ. ނިއުޒީލަންޑް ޓީމަށް މި އީނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 100 ލަނޑަށް ތިން ވިކެޓް ނަގައިދިން ޓިމް ސައުތީއެވެ.

ޖަވާބުގައި ނިއުޒީލަންޑުން ކުޅެން އަރައި 48 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 327 ލަނޑެވެ.

ނިއުޒީލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 134 ލަނޑު ހަދައިދިން ޑެރީލް މިޝޭލްއެވެ. މީގެ އިތުރުން ކެޕްޓަން ކޭން ވިލިއަމްސަން ވަނީ 69 ލަނޑު ހަދައިދީފައެވެ. މެޗުގައި އިންޑިއާ ޓީމަށް އެންމެ މޮޅަށް އުކާފައިވަނީ ނުވަ އޯވަރުގައި ފަސް ބޯޅައަށް ހަތް ވިކެޓް ނަގައިދިން ޝާމީއެވެ.

މި ކާމިޔާބީއާ އެކު އިންޑިއާ ވަނީ އަމިއްލަ ޤައުމުގައި ކުޅެމުންދާ ކްރިކެޓް ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްގެ ފުރަތަމަ ޖާގަ ކަަށަވަރުކޮށްފައެވެ.

އަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގައި އިންޑިއާއާ ބައްދަލުކުރާނެ ޓީމެއް ކަށަވަރު ވެގެންދާނީ ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ދެވަނަ މެޗަށް ފަހުއެވެ.

comment ކޮމެންޓް