ރަށްރަށުގެ ރޯހައުސްތަކާއި ފުލެޓުތަކުގެ ކުލި ކުޑަކުރުން ފުރަތަމަ 100 ދުވަހަށް

ވިލިމާލެއަށް މިއަދު ޑރ. މުއިއްޒު ވަޑައިގަތް އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ޕީޕީއެމް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި، އަތޮޅުތެރޭ ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދިނުން ހިމަނުއްވައިފިއެވެ.

މިރޭ އިފްތިތާހު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ވާގޮތުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވެވަޑައިގެންފައި ވަނީ 23 ވައުދެކެވެ.

އެ ވައުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ ކަންކަންމުގެ ތެރޭގައި ހިމެނެނީ، ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދިނުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މި ދެ ކަންތައް ކުރަން ނިންމަވާފައި ވަނީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ހަތަރު ހަފުތާ ތެރޭގައެވެ.

ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީގެ ދާއިރާއިން ދެން އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް ނިންމާފައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ޚާއްސަ "ސޯޝަލް ހައުސިން ކެޓަގަރީ"އެއް ކަނޑައެޅުމާއި އުތުރާއި ދެކުނުގައި ބޮޑެތި އާބަން ސެންޓަރުތަކެއް ގާއިމުކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުން އަދި ލޭންޑްޔޫސް ޕްލޭންތައް ފާސްކުރުމަށް އެޕްލިކޭޝަން ހުށަހަޅާނެ ޕޯޓަލްއެއް ގާއިމުކުރުމެވެ. މި ކަންކަން ކުރަން ނިންމަވާފައި ވަނީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ނުވަ ހަފުތާ ތެރޭގައެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީގެ ތެރެއިން ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ބާކީ 18 މަޝްރޫއު ތާވަލުކޮށްފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ސާދަވަނަ ހަފުތާއަށެވެ. އެގޮތުން 100 ދުވަހުގެ އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ ކަންކަމަކީ:

  1. ބޯހިޔާވަހިކަމަށް ޚާއްސަ "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް"އެއް ގާއިމުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވައިލުން
  2. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަސް ޕަސަންޓު އިންޓަރެސްޓުގައި ތައާރަފު ކުރާ ލުއި ލޯނާ ބެހޭ ސިޔާސަތު އެކުލަވައިލާ އާންމުކުރުން
  3. ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާ އެކު އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ "ހައުސިން އެޕްލިކޭޝަން ޕޯޓަލް" ތައާރަފުކުރުން
  4. ސިނަމާލެއާ މާލެހިޔާ ފުލެޓުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްސަ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން
  5. ބިމުގެ މިލްކުވެރިކަން ނުވަތަ "ކޮންވޭއަންސް"އާ ބެހޭ ބައިތައް ފުރިހަމައަށް ހިމެނޭހެން، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) އިސްލާހުކުރުމަށް ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  6. ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން
  7. ލޭންޑްޔޫސް ޕްލޭންތައް ނެހެދި ހުރި ރަށްރަށަށް ސަރުކާރުން އެހީވެގެން، އެ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްތައް ފެށުން
  8. ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން
  9. ފެނާއި ނަރުދަމާގެ ޚިދުމަތްތައް ނުލިބިހުރި ރަށްރަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ތާވަލު އެކުލަވައިލާ އިއުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  10. ކަނޑައަޅާ ރަށްރަށުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވައިލާ އިއުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  11. ތިލަމާލެ ބުރިޖުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  12. ގްރޭޓާ މާލެ އޭރިއާގެ ޓްރާންސްޝިޕްމަންޓް ބަނދަރު ބިނާކުރުމުގެ ކަންކަން ރާވާ އިންތިޒާމުކޮށް މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފެށުން
  13. އައްޑޫ ބްރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ފެށުން
  14. "ބަންކަރިން" ޚިދުމަތް ދެވޭގޮތަށް ގާދޫގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފެށުން
  15. މީހުން އާބާދުވެފައިވާ ހުރިހާ ރަށެއްގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫގެ ތާވަލް އެކުލަވައިލާ އިއުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  16. އެއްގަމު އުޅަނދު ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށް ޕްލޭނެއް އެކުލަވައިލާ ހަދަންޖެހޭ ޕާކިން އިމާރާތް ހެދުމުގެ މަސައްކަތް ފެށުން
  17. "އާބަން ޑިވަލޮޕްމަންޓާ" ބެހޭ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުން
  18. "އާބަން ޕްލޭނިން" ބެހޭ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުން
comment ކޮމެންޓް