ރިޓަޔާ ކުރައްވަމުން ހަމީދު ވިދާޅުވީ ކުށް މަދުކުރުމުގައި ދެމިހުންނާނެ ކަމަށް

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު --- ފޮޓޯ/ ރައީސް އޮފީސް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

މުހައްމަދު ހަމީދު މަގާމުން ރިޓަޔާ ކުރެއްވީ މިއަދު އެކަމަށް ޚާއްސަކޮށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އަދި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންގެ އިތުރުން ކޮމިޝަނަރުގެ އާއިލާ މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި ފެންވަރުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، ރާއްޖެއަކީ ކުށް މަދު އަމާން ގައުމަކަށް ހެދުމަށްޓަކައި ފުލުހުން ކުރާ މަސައްކަތުގައި އަބަދު ވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ފޯސް ލީޑު ކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރެވުން އެއީ ވަރަށް ބުރަ، މިންނަތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއް ކަމަށެވެ.

އަދި، ފުލުހުންގެ ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވި، ސިލަބަސް އަދި ނިޒާމާއި އޮނިގަނޑު ކަނޑައެޅި، ދިވެހި ފުލުހުންގެ އަމިއްލަވަންތަ މުއައްސަސާއެއްގެ ގޮތުގައި އެތަން ކަނޑައަޅަދިނުމަކީ ކޮމިޝަނަރު ކުރެއްވި ބުރަ މަސައްކަތެއް ކަމަށް ވިދާޅުވެ އިމްރާން ވަނީ ހަމީދުގެ އަގުވަޒަން ކުރައްވައިފައެވެ.

ރަސްމިއްޔާތުގައި، ހަމީދަށް ޝަރަފުގެ ހަނދާނީ ފިލަޔާއި، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދައެއް ވަނީ އަރުވައިފައެވެ.

މީގެ އިތުރަށް، ފުލުހުންގެ ޚިދުމަތަށް ހަމީދު ކޮށްދެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް އަލިއަޅުވައިލައްވާ ތައްޔާރު ކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން އެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އާއިލާގެ ބޭބޭފުޅުން އޭނާގެ މަސައްކަތާ މެދު ދެކޭ ގޮތުގެ އިންޓަވިއުއެއް ވެސް ވަނީ ދައްކައިފައެވެ.

ހަމީދު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އޭނާ ކޮށްދެއްވި ޚިދުމަތަށް ނިހާޔަތަށް ޝުކުރު އަދާ ކުރައްވައިފައެވެ. މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާންމު ސަލާމަތާއި ގާނޫނަށް ދެއްވި އަހައްމިއްޔަތުކަމަށްޓަކައި އޭނާއަށް އިޚްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވައިފައެވެ.

"ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާއި ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށް ކުރެއްވި މަސައްކަތް ހާއްސަ ގޮތެއްގައި ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް