ބޯޓު ގަނެގެން މަރާމާތު ކުރާތާ 15 އަހަރު، އަދިވެސް ނުނިމޭ

އެމެރިކާގެ މީހަކު 2008 ވަނަ އަހަރު ގަތް ބޮޑު ކްރޫޒް ޝިޕެއްގެ މަރާމާތުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ބޯޓު ގަތްތާ މިހާރު 15 އަހަރުވެފައިވާއިރު އަދިވެސް އެ ބޯޓު މަރާމާތުކުރުމުގެ މަސައްކަތް ނުނިމޭ ކަމަށް އެ މީހާ ހާމަކޮށްފައިވެއެވެ.

ކްރިސްޓޮފަ ވިލްސަން ކިޔާ މި މީހާ މި ކްރޫޒް ޝިޕް ގަތީ އިންޓަނެޓުން ފެނިގެންނެވެ.

ޖުމުލަ 293 ފޫޓުގެ މި ބޯޓަކީ ޖަރުމަންވިލާތުގައި ބަނދެފައިވާ ބޯޓެކެވެ. މުޅިއަކު 2496 ޓަނު އުފުލޭ މި ބޯޓުގައި ތިން ޑެކާއި، 85 ކޮޓަރިއާއި، އެޓޭޗް ފާޚާނާއާއި، ޑައިނިން ރޫމަކާއި، ބޮޑު ސްވިމިން ޕޫލެއް އޮވެއެވެ. ކުރިން 2008ވަނަ އަހަރު މި ބޯޓު ވިއްކުމަށް ލިސްޓްކޮށްފައި އޮތުމުން ވިލްސަން ބޯޓު ގަތުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެ، ބޯޓާ ބެހޭ ގޮތުން ވަރަށް ގިނަ ދިރާސާ ހެދި ކަމަށް ސީއެންއެން ޓްރެވަލްސްއަށް މައުލޫމާތުދެމުން އޭނާ ބުނެފައިވެއެވެ.

މި ދިރާސާތަކުން އެނގުނު ގޮތުގައި މި ބޯޓަކީ، 1955 ވަނަ އަހަރު ޖަރުމަނުގައި ބަނދެފައިވާ ބޯޓެއް ކަމަށާއި، އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފަސިންޖަރުން އުފުލުމަށް ޖަރުމަނުން އެންމެ ފުރަތަމަ ބަނދެފައިވާ ބޯޓަކީ މިއީ ކަމަށް އެނގިފައިވާ ކަމަށް ވިލްސަން ބުނެފައިވެއެވެ. އަދި، ހޮލީވުޑްގެ މަޝްހޫރު ޖޭމްސް ބޮންޑްގެ ފިލްމު "ފްރޮމް ރަޝިޔާ ވިތް ލަވް"ގެ މަންޒަރުތައް ނަގަން ވެސް މި ބޯޓު ބޭނުންކޮށްފައިވެއެވެ.

މި ކަންކަން އެނގުމުން ބޯޓާ މެދު ޝައުޤުވެރިކަން އިތުރުވެ، ބޯޓު ގަނެ، ބޯޓުގެ މަރާމާތުގެ މަސައްކަތް ފެށީކަމަށް ވިލްސަން ފާހަގަކުރިއެވެ. ބޯޓުގެ މަރާމާތުގެ މަސައްކަތް ފެށިއިރު ވެސް، މިއީ ވަރަށް ދިގުދެމިގެންދާނެ ބުރަ މަސައްކަތަކަށް ވާނެ ކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

ބޯޓަށް ވިލްސަން ދީފައިވާ ނަމަކީ، އަރޯރާއެވެ. އަރޯރާ ރެސްޓްރޯޝަން ޕްރޮޖެކްޓްގެ ނަމުގައި ޔޫޓިއުބު ޗެނަލެއް ހަދައި އެ ޗެނަލްގައި، ބޯޓު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ވިލްސަން ދަނީ ޙިއްސާކުރަމުންނެވެ. ބޯޓުގެ ރިނޮވޭޝަންގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު މި މަސައްކަތަށް 900،000 (ނުވަސަތޭކަ ހާސް) ޕައުންޑް މިހާރު ވަނީ ޚަރަދުކޮށްފައެވެ.

comment ކޮމެންޓް