ބެލުންތެރިން ހެއްވާލުމަށް ކަޕިލް ޝަރުމާ އޭނާގެ ޓީމާ އެކު ނެޓްފްލިކްސްއަށް

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން، ކަޕިލް ޝަރުމާގެ މުޅީން އާ ޝޯވްއެއް ނެޓްފްލިކްސްއިން ގެނެސްދޭ ގޮތަށް ނިންމައިފިއެވެ.

"ދަ ކަޕިލް ޝަރުމާ"ގެ ނަމުގައި އިންޑިއާގެ ޓީވީ ޗެނަލް ސޮނީއިން ގެނެސްދޭން ފެށި މި ޓޯކް ޝޯވްއަކީ ކަޕިލް ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ޝޯވްއެވެ.

ސޮނީ ޓެލެވިޒަންއިން މި ޝޯވްގެ ފަސްވަނަ ސީޒަން މިހާރު ވެސް އަންނަނީ ދައްކަމުންނެވެ.

ކަޕިލް ޝަރުމާ ނެޓްފްލިކްސްއިން ގެނެސްދިން ޝޯވްގެ މަންޒަރެއް
އިންޑިއާގެ އިތުރުން ބޭރު ޤައުމު ތަކުގައި ވެސް ކަޕިލްއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު ކަޕިލް ވަނީ މީގެކުރިންވެސް ނެޓްފްލިކްސްއާ އެކު މަސައްކަތް ކޮށްފައެވެ. އެއީ "އައި އެމް ނޮޓް ޑަން ޔެޓް"ގެ ނަމުގައި މިދިޔަ އަހަރު ނެޓްފްލިކްސްއިން ސްޓްރީމް ކުރި އެޕިސޯޑަކުންނެވެ.

ނެޓްފްލިކްސްއިން ގެނެސްދޭން ނިންމާފައިވާ ކަޕިލްގެ އާ ޝޯވްގެ ޕްރޮޑަކްޝަން ޓީމުގައި "ދަ ކަޕިލް ޝަރުމާ" ޓޯކް ޝޯވްއިން ފެންނަ އަރްޗަނާ ޕޫރަން ސިންގް، ކްރިޝްނާ އަބީޝެކް، ކިކޫ ޝާރްދާ އަދި ރަޖީވް ބައިވެރިވާނެއެވެ.

އިންޑިއާގެ ޓެލެވިޒަންގެ ދުނިޔޭގެ ކޮމެޑީ ކިންގް ނެޓްފްލިކްސްއާ ގުޅިގެން އާ ޝޯވްއެއް ގެންނަން ނިންމީ މުޅިން އާ، ތާޒާ އަދި ހިތްގައިމު ކޮމެޑީއިން ފުރިފައިވާ ޝޯވްއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނަށް ގެނެސްދިނުމަށް ކަމަށް ނެޓްފްލިކްސްއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކަޕިލް ޝަރުމާ އޭނާގެ އާއިލާއާ އެކު

މިކަން އިއުލާނުކުރުމަށް ކަޕިލް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއިން ވެސް އަރްޗަނާ ޕޫރަން ސިންގް، ކްރިޝްނާ އަބީޝެކް، ކިކޫ ޝާރްދާ އަދި ރަޖީވް ފެނެއެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ އާ ޝޯވްއަކީ ކޮމެޑީގެ ސްޓޭންޑް އެލޯން ޝޯވް އަކަށް ނުވިނަމަވެސް މި ސިލްސިލާގެ ކޮންމެ އެޕިސޯޑެއްގައި ވެސް ހިނިތުންވުން ދެގުނައަށް އިތުރުވެ، މުނިފޫހިފިލުވުން އިތުރުކޮށްދޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފިލްމީ ތަރިންތައް އެ މީހުންގެ ފިލްމުތައް ޕްރޮމޯޓު ކުރުމަށް މިހާރު ބޭނުންކުރާ މައިގަނޑު އެއް ޕްލެޓްފޯމަކީ ކަޕިލްގެ "ދަ ކަޕިލް ޝަރުމާ" ޝޯވްއެވެ. ކޮމީޑިއަން އެއްގެ އިތުރުން ކަޕިލް ވަނީ ހިންދީ ސިނަމާއަށް ވެސް ތަޢާރަފްވެ އޭނާގެ އެކްޓުކުރުމުގެ ހުނަރުން ބެލުންތެރިން ހައިރާން ކުރުވާފައެވެ.

ކަޕިލްގެ ފިލްމު "ޒުވިގާޓޯ" މި އަހަރު ސިނަމާތަކުގައި ދައްކާފައި ވާއިރު އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ"އިން ވެސް ކަޕިލް މުހިއްމު ރޯލް އަކުން ފެންނާނެއެވެ.

comment ކޮމެންޓް