އިޤުތިޞާދީ ކާރިސާގެ ޒިންމާ ރާޖަޕަކްސާ އާއިލާއިން ނަގަންޖެހޭ ކަމަށް ހުކުމްކޮށްފި

ލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ(ވ) އާއި ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ -- ފޮޓޯ/ވިއޯން

އަވައްޓެރި ސްރީލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި އިޤުތިޞާދީ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ އާއިލާގެ ތިން ބެއިން ކަމަށް ލަންކާގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ލަންކާއަށް 1948 ވަނަ އަހަރަށް ފަހު މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިޤުތިޞާދީ ދަތިކަމާ ގުޅިގެން ލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާއާއި ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ހިމެނޭހެން ސަރުކާރު އިސް އޮފިޝަލުންތަކަކާއި ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅީ ޓްރާސްންޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ (ޓީއައިއެސްއެލް) ލަންކާ އެކްޓިވިސްޓުންތަކެކެވެ.

އޮފިޝަލުންގެ ތެރޭގައި ގޮތަބަޔާއާއި މަހިންދާގެ ކޮއްކޮ އަދި ލަންކާގެ ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސާ އާއި މަރުކަޒީ ބޭންކުގެ ކުރީގެ ދެ ގަވަރުނަރުންނާއި ޓްރެޝަރީގެ އެހެން އިސް އޮފިޝަލުން ވެސް ހިމެނެއެވެ.

'ފްރާންސް24'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ނިންމައި އާންމުކޮށްފައިވާ ސްޕްރީމްގެ ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރާއި 2022 ވަނަ އަހަރާއި ދެމެދު ލަންކާގެ އިގްތިސާދީ ނިންމުންތައް ނިންމުމުގައި އެ ބޭފުޅުން ވަނީ އިހުމާލުވެފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކޮށްފައިވާ ގޮތުގައި އިޤްތިޞާދީ ކާރިސާ މެދުވެރިވީ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ 2019 ވަނަ އަހަރު ވިޔަފާރިތަކަށް ދިން ޓެކްސް ލުއިތަކެވެ. ޑޮލަރު ރޭޓު ލަންކާގެ 203 ރުޕީސްއަށް ބަދަލުކުރުމާއި ބެއިލްއައުޓެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާ ގުޅުން ލަސްކުރުމަކީ ވެސް އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި އިހުމާލުވުން ކަމުގައި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

އިޤްތިޞާދީ ކާރިސާއާ ގުޅިގެން ސަރުކާރާއި ދެކޮޅަށް އާންމުން ކުރި މުޒާހަރާތަކުގެ ސަބަބުން މިދިޔަ އަހަރު މެއި މަހު މަހިންދާ ރާޖަޕަކްސާއަށް ބޮޑު ވަޒީރުކަމުން އިސްތިއުފާދެއްވަން މަޖުބޫރުވިއެވެ. އޭގެ ފަހުން ޖުލައި މަހު ގޮތަބަޔާ ވަނީ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ. ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސާ ވެސް ވަނީ ޖުލައި މަހު އިސްތިއުފާ ދެއްވައިފައެވެ.

ކުރިން 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ އަނދަވަޅާއި ކުރިމަތިލާން ޖެހުނީ އިޤްތިޞާދީ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ މަހިންދަގެ ވެރިކަމުގައި ބޭރުގެ އެކި ފަރާތްތަކުން 36 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުންނެވެ. އެންމެ ގިނައިން ލޯނު ނަގާފައި އޮތީ ޗައިނާއިންނެވެ. ދަރަނިތައް އަނބުރާ ދައްކަން ޖެހުނު ދުވަސްވަރާ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރާ ދިމާވުމުގެ ސަބަބުން ލަންކާއަށް ބޭރު ފައިސާ ވަންނަ މަގު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ހުއްޓުނެވެ.

އެހެންވެ، ދަރަނިތައް ނުދެއްކި، ލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ހުސްވެ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަން ފެށުމާ އެކު 2021 ވަނަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ރައްޔިތުން ވަނީ ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ. ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިއެވެ. އަދި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދަރަނި ދެއްކޭނެ ގޮތް ހުސްވެ، ބަނގުރޫޓުވެފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

ބޭރު ދަރަނީގެ ގޮތުގައި މިހާރު ވެސް 46.9 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހިފައި އޮތް އިރު، 2.9 އެމެރިކާ ޑޮލަރުގެ އެހީއެއް ލަންކާއަށް ފޯރުކޮށްދޭނެ ކަމަށް އައިއެމްއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް