ޓެކްނިކަލް ކޯސްތަކުގައި ސްކޫލު ދަރިވަރުން ބައިވެރިކުރަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން --- މިނިސްޓްރީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޓެކްނިކަލް ކޯސްތަކުގައި ސްކޫލުތަކުގެ ގްރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުން ބައިވެރިކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާ އެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ، ނެޝަނަލް ލެވެލް ސެޓްފިކެޓް ތިނެއް އަދި ހަތަރެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު "ބްރިޖިންގް އެކްސެލެންސ،ް ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް"ގެ ދަށުން ސްކޫލުތަކުގެ ގުރޭޑު ނުވައެއް އަދި ދިހައެއްގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ކަން ކުރުމުގެ މަގުސަދަކީ ދަރިވަރުންގެ ކިޔެވުން ނިންމައި މުޖުތަމަޢަށް ނުކުންނައިރު، މަންފާ ކުރަނިވި މަސައްކަތްތައް ކުރުމަށް މަގުފަހިވެ، އެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ދިނުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ޑރ. އިބްރާހީމް ޙަސަން އާއި ޑރ. އައިޝަތު އަލީ އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ފޮޓޯ/ މިނިސްޓްރީ

އެއްބަސްވުމަށް ފަހު ވާހަކައްކަވަމުން ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، އަތޮޅު ތެރޭގައި ތިބިގެން ޒުވާނުންނަށް ފެންވަރު ރަނގަޅު މަސައްކަތުގެ ތައުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޒުވާނުންނަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރަށްރަށުގައި އެޅޭ އިންސްޓިއުޓްތަކަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމު ފޯރުކޮށް ފުޅާކޮށްދިނުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދަމުން އަންނަ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިހާރު ޓެކްނިކަލް އިންސްޓިއުޓްތައް ގާއިމުކުރަނީ ރ. އަލިފުށީގައާއި ހއ. ދިއްދޫގައެވެ. އެގޮތުން އަލިފުށީގައި ގާއިމުކުރަނީ ރ އަތޮޅުގެ ޓެކްނިކަލް އިންސްޓިއުޓެވެ. ދިއްދޫގައި ގާއިމުކުރަނީ އެ އަތޮޅުގެ އިންސްޓިއުޓެކެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ މިހާރު ގާއިމުކުރަމުންދާ އިންސްޓިއުތްތަކުގެ ފައިދާ ސުކޫލުތަކާއި އެ ސަރަހައްދުގެ ރަށްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި، މި ހިދުމަތް ލިބެން ފެށުމުން ޓިވެޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށާއި ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

މިހާރު އިމާރާތްކުރަމުންދާ ޓެކްނިކަލް އިންސްޓިއުޓެއް --- ފޮޓޯ/ މިނިސްޓްރީ

މި ސެންޓަރުތަކުގައި ވޮކޭޝަން ދާއިރާތަކުން ގިނަ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ދިހަ ކޯހެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ކޯސްތަކަކީ:

  • ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަގްލާސް ބޯޓް ބިލްޑިން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަ ހާޑްވެއާ އެންޑް ނެޓްވޯކިން
  • ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
  • ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަ ހާޑްވެއަ އެންޑް ނެޓްވޯކިން
  • އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިން
  • ޑިޕްލޮމާ އިން ޕްރޮގްރާމިން
  • ޑިޕްލޮމާ އިން ނެޓްވޯކިން

މި އިންސްޓިއުޓްތަކުގައި ހުރިހާ ކޯސްތަކެއް ސަރުކާރުން ހިލޭ ކިޔަވައިދިނުމަށް ހަމަޖައްސާފައިވާއިރު މި ޕްރޮގްރާމްގެ ތެރެއިން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ގެންދިޔުމަށް ހަމަޖެހިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ކިޔަވައިދިނުމަށް ބިނާ ކުރެވޭ އިންސްޓިޓިއުޓް ބްލޮކްގެ އިތުރުން ދަރިވަރުންނަށް އެކަމަޑޭޝަން ޚިދުމަތްތައް ހަމަޖެއްސުމަށްޓަކައި ދަނާލެއް ވެސް އިމާރާތްކުރެވިގެންދާނެއެވެ. އަދި، ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް ކުޅިވަރާއި ކަސްރަތު ކުރެވޭނެ ޒަމާނީ ޖިމަކާއ،ި ރިކްރިއޭޝަން ހޯލެއް ވެސް ހިމެނޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް