ދެ މިލިޔަން ރުފިޔާއާއެކު ފަލަސްތީން ރިލީފް ފަންޑު ބަންދުކޮށްފި

ރެޑް ކްރެސެންޓްގެ އޮފިޝަލުންތަކެއް މަސައްކަތުގައި -- ފޮޓޯ/ރެޑްކްރެސެންޓް

ދެ މިލިއަން ރުފިޔާއާއެކު ދިވެހި ރެޑް ކްރެސެންޓްގެ ފަލަސްތީން ރިލީފް ފަންޑު ބަންދުކޮށްފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހުޅުވާލި މި ފަންޑު ބަންދުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ލިބިފައިވާ ވަރު ހާމަކޮށްފައެވެ. އެހާތަނަށް އެ ފަންޑަށް ވަނީ 2،105،337.14ރ (ދެ މިލިއަން އެއްލައްކަ ފަސްހާސް ތިންސަތޭކަ ތިރީސް ހަތް ރުފިޔާ ސާދަ ލާރި) ލިބިފައެވެ.

ރެޑް ކްރެސެންޓުން ބުނީ، ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ދިމާވަމުންދާ އިންސާނީ ކާރިސާގެ ހާލަތު ބަދަލުވަމުންދާތީ، ގިނަ ބައެެއްގެ އެދުމުގެ މަތިން މިދިޔަ އާދިއްތަ ދުވަހާ ހަމަޔަށް އެ ފަންޑު ކުރިއަށްގެންދިޔައީ ކަމަށެވެ. އަދި އާދިއްތަ ދުވަހާ ހަމައަށް އެ ފަންޑަށް ލިބުނު ވަރު އަންނަ އާދިއްތަ ދުވަހު ހާމަކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"އަމާޒަކީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް ލިބިފައިވާ ފައިސާ ވީހާވެސް އަވަހަށް ޣައްޒާގެ ހާލުގައި ޖެހިފައިތިިބި ފަރާތްތަކަށް ފޯރުކޮށްދިނުން،" ރެޑް ކްރެސެންޓުން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ، ފަންޑަށް ލިބުނު ފައިސާ ފޮނުވާނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރާނީ، ސިއްހީ ޚިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ޚަރަދުތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކުން މިހާތަނަށް ވަނީ 11،000 ވުރެއް ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި 27،000 ވުރެއް ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ބަނޑުހައިހޫނުކަންމަތީ ތިބިއިރު އަނެއް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް މަގުމަތިވެފައި އެބަތިއްބެވެ.

ފަލަސްތީނުގެ ހާލުގަ ޖެހިފަތިބި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ގިނަ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް