ސްނައިޑާގެ ''ރިބެލް މޫން'' އަންނަ މަހު 15 ގައި

އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ފިލްމު "ރިބެލް މޫން" މި އަހަރުގެ ޑިސެމްބަރު މަހުގެ 15 ގައި ރިލީޒް ކުރުމަށް ތައްޔާރު ވެއްޖެއެވެ.

ސްނައިޑާ ފާއިތުވި 10 އަހަރު ދުވަސް ވަންދެއް މަސައްކަތް ކުރަމުން އައި ރިބެލް މޫންއަކީ އޭނާ އަމިއްލަ ބޮޑު ޔުނިވާސް އެއް އުފެއްދުމަށް ފަށާ ބޮޑު ސާގާއެވެ. ސްނައިޑާ ފާހަގަކުރާ ގޮތުގައި ރިބެލް މޫން އަކީ "ސްޓާ ވޯސް" ވަރު ބޮޑު ފްރެންޗައިޒް އަކަށް ހެދޭނެއެވެ.

ރިބެލް މޫންގެ މިހާރުވެސް ދެ ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިލްމަށް ކިޔާނީ "އަ ޗައިލްޑް އޮފް ފަޔާ" އެވެ. މި ފިލްމު ވެގެން ދާނީ ސްނައިޑާ މި އުފައްދާ ދުނިޔޭގެ އޮރިޖިން ސްޓޯރީއެއްގެ ގޮތުގައެވެ.

ރިބެލް މޫންގެ އާ ޓްރެއިލާއެއް ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. އެ ޓްރެއިލާއިން ފިލްމުގައި ސައިންސް ފިކްޝަންގެ ރަހަތަކުގެ އިތުރުން އެކްޝަންގެ ރަހަތައް ގިނަ ވާނެ ކަން ވަނީ ދައްކާލާފައެވެ.

ފިލްމުގެ ދެވަނަ ބައެއް ވެސް މިހާރު އުފައްދަމުން އަންނަ އިރު އެ ފިލްމު ވެސް ވަރަށް އަވަހަށް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނެޓްފްލިކްސްގެ އަމިއްލަ ފިލްމެއްގެ ގޮތުގައި މި ފިލްމު ތައްޔާރު ކުރާއި މި ފިލްމު ފުރަތަމަ އަޅުވާނީ ޑިސެމްބަރު 15 ގައި ބައެއް ސިނަމާތަކުގައެވެ. ލިމިޓެޑް ސީޓިން އާއެކު މި ފިލްމު އަޅުވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ސިނަމާތަކަށް މި ފިލްމެއް ނުދާނެއެވެ. އޭގެ ބަދަލުގައި އަންނަ މަހު 22 އިން ފެށިގެން ނެޓްފްލިކްސްއިން ފިލްމު ސްޓްރީމް ކޮށްލަން ލިބޭނެއެވެ.

ނެޓްފްލިކްސް އިން ބޮޑު ބަޖެޓެއްގައި ތައްޔާރު ކުރާ މި ފިލްމަކީ 155 މިލިއަން ޑޮލަރުގެ ފިލްމެކެވެ. އެއާއެކު މި ފިލްމަށް އޮތް އިންތިޒާރު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑެވެ.

ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ސޯފިއާ ބޫޓޭލާ އާއި ޗާލީ ހުންނަމް އަދި ރޭ ފިޝާ އާއި އެންތަނީ ހޮޕްކިންސްއެވެ.

comment ކޮމެންޓް