އަދީބާއި ޒިޔަތަށް ރައީސް މައާފު ދެއްވައިފި

އަދީބާއި ޒިޔަތު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މައާފު ދެއްވައިފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ ރައީސް އެ ދެބޭފުޅުންނަށް މައާފު ދެއްވިކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ. ރައީސް އެ ދެބޭފުޅުންނަށް މައާފު ދެއްވީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ތެރެއިންނެވެ.

ވެރިކަމުގެ ދައުރު ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ރައީސް މި ދެބޭފުޅުންނަށް މައާފު ދެއްވި ސަބަބު ސާފު ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މިއުވާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވިއިރު ދައުލަތުން ވަނީ އެ ދެބޭފުޅުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އަދި އެ ހިޔާނާތް ހިންގެވިއިރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ކޯޓުގައި ހެކީންގެ ގޮތުގައި ދައުލަތުން އަދީބާއި ޒިޔަތު ބޭނުން ކުރިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

މި ހިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ޞާލިހެވެ.

ހިޔާނާތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ރައީސް ޞާލިޙް ވަނީ ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް އަދިވެސް ކުށް ސާބިތުވެފައި ވާތީ މިނިވަނެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ދުނިޔޭގެ ސަމާލުކަމަށް އައި މައްސަލައެކެވެ. އެ މައްސަލައާ ގުޅޭގޮތުން އަލް ޖަޒީރާ ނޫހުން ތަފްސީލީ ޑޮކިއުމެންޓްރީ އެއްވެސް ގެނެސް ދިނެވެ.

ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމެވެ. ނަމަވެސް އެކަން ނުވިއިރު ދައުރު މި ނިންމާލީ ހިޔާނާތުގެ މުގުލުގައި ތިއްބެވި ދެ ބޭފުޅުންނަށް މައާފު ދެއްވައިގެންނެވެ.

comment ކޮމެންޓް